ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ، ޢުމަރު ނަސީރަށް މިފަހަރު ލައްވައިލީ ވޯޓުކަރުދާހުގެ އެންމެ ފުރަތަމަ ނަންބަރެވެ. އާދެ! މިފަހަރުގެ 1 ނަންބަރު ކެންޑިޑޭޓަކީ ރައީސް ޔާމީން ސަރުކާރުގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަހަކީ ވަރަށް ފޯރިގަދަ ދުވަސްވަރަކަށް ވެގެންދާނެވެ. ޚާއްސަކޮށް، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބޭބޭފުޅުން ހަގީގަތަކަށް ހައްދަވާން ބޭނުންފުޅުވާނޭ ވަޢުދުތަކާއި "ހޮޅިވަޢުދު"ތައްވެސް އަންނާނެއެވެ. ރައްޔިތުން ވިސްނާންވީ އެންމެ ރަނގަޅު ވަޢުދުތަކާއި ފުއްދޭނޭ ވަޢުދުތައް ވާ ފަރާތެއް ވޯޓުލައި ނިމޭއިރު، ލިސްޓުގެ އެންމެ ކުރީގައި ބާއްވާށެވެ. ޢުމަރަށް މިހާރު އެއް ނަންބަރު ލިބިފައިވަނީ ގުރުއަތުލައިގެންނެވެ. އިންތިޚާބު ނިމޭއިރު، 1 ނަންބަރުގައި އޮވެވޭނީ ފިސާރި ރަނގަޅަށް ރައްޔިތުންނަށް ތިމަންނާ ކޮށްދޭނޭކަންތަކާއި ކޮށްދެވޭނޭ ކަންތަކާއި ރައްޔިތުން ބޭނުންވާ ކަންތައް އެނގެންނެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓުންގެ ތެރޭން، ޢުމަރަކީ ހަމަ ޔަގީނުންވެސް ސިޔާސީ ދާއިރާގައި އެންމެ ތަޖްރިބާކާރު އެއް ކެންޑިޑޭޓަށް ވާނެއެވެ.

ޢުމަރު ވިދާޅުވީ އޭނާ ވެރިކަމަށް ހޮވައިފި ނަމަ، ވަޢުދުލިސްޓުގެ އެންމެ ކުރީގައި ބާއްވާނީ، އަދި ތަންފީޒުކުރައްވާމީ، ރާއްޖެއަށް އެކަމަކުން އަރައި ނުގަނެވި، ގައުމުގެ އެކި ޢުމުރުފުރައިގެ އެތަކެއް ހާސް ރައްޔިތުން އެކަމެއް ތަޙައްމަލުކުރާން ޖެހިފައިވާ މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމެވެ. ރާއްޖެއަށް މަސްތުވާތަކެތީގެ ވަބާ ފެތުރޭން ފެށީ މީގެ 46 އަހަރު ކުރީންނެވެ. އޭގެ ފަހުން އެކަމަށް ހައްލެއް ނައިސް މިހާރު ރާއްޖޭގެ އާބާދީގައި ހިމެނޭ 16 އަހަރާ 35 އަހަރާ ދެމެދުގެ އާބާދީގެ ބޮޑުބައެއް ވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައެވެ. އެނޫން ޢުމުރުފުރައިގެވެސް ގިނަ ބަޔަކު މި ނުރައްކާތެރި ވަބާގައި ޖެހި ފަނާވަމުން ދަނީއެވެ.

"އަހަރެންގެ އެންމެ ފުރަތަމަ ކަމަކަށް ވާނީ މަސްތުވާތަކެތީގެ މައްސަލަ. މި ބަލިމަޑުކަމަށް ނިމުމެއް ގެނައުމަށް، 1 ގައި ރަނގަޅު ފާހަގަޖައްސަވާ" ޢުމަރު އޭނާގެ ކެންޑިޑޭޓު ނަންބަރު ދައްކާލަމުން ވިދާޅުވެފައިވެއެވެ.

ޢުމަރު ނަސީރަކީ ރައީސް ޔާމީނުގެ ސަރުކާރުގައި، އޭނާގެ ދާޚިލީ ވަޒީރުކަމުގައި، މަސަތުވާތަކެއްޗާއި ގޭންގުމާރާމާރީ ހުއްޓުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެއްވި ވަޒީރެކެވެ. އަދި ރައީސް ޔާމީނު އެންމެ އިތުބާރުކުރެއްވި އެއް ވަޒީރުކަމަށް ވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރުމަށް އޭރު ކުރެއްވި މަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ޢުމަރެވެ. މަސްތުވާތަކެތި އަތުލައިގަތުމަށް، ކުއްތާ ސްކޮޑެއް އެކުލަވައިލީ ޢުމަރެވެ. އަދި ކުށްވެރީންގެ ފައިގައި ޓެގްއަޅުވާން ފެށީވެސް ޢުމަރުގެ ދާޚިލިއްޔާއިންނެވެ.

ޢުމަރު 2008ގައިވެސް ނުކުންނެވީ ހައްލަކީ ޢުމަރު ކަމަށް ބުނެއެވެ. މިފަހަރުވެސް ޢުމަރު ބުނަނީ ހަމަ ހައްލަކީ ޢުމަރު ކަމަށެވެ. އެފަހަރު 2500އެއްހާ ވޯޓުން ފުއްދާލަން ޖެހުނު ނަމަވެސް، މިފަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބަލާއިރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން، ޢުމަރަކީ މިފަހަރު ރަނގަޅު "ޗޮއިސް"އަކަށް ވެދާނެއެވެ.