ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ހޯދަން އަތޮޅުތަކަށް ކުރާ ދަތުރުތަކުގެ ތެރޭން ކެމްޕޭން ޖަލްސާގައި އެމްޑީއޭގެ ނައިބު ރައީސް ޢާއިޝަތު ރަފިއްޔާ ބޭއަދަބީ ބަސް ބޭނުންކޮށް އަވަގުރާނަ ގޮވީ ނޫންކަމަށާއި އެއީ ދިވެހި ބަހުގެ މުހާވަރާއެއް ބޭނުންކޮށްގެން ސަމާސާ މިސާލެއް ނެގީކަމަށާއި އަދި އެކަން އެނޫންގޮތަކަށް މާނަކުރެވޭ އެންމެހާ ބޭފުޅުންގެ ކިބައިން އޭނާ މަޢާފަށް އެދިވަޑައިގެންވިއެވެ.

ގދ. ގައްދޫގައި އޮތް ޖަލްސާގައި ރަފިއްޔާ އަވަގުރާނަ ގޮވިކަމަށް ބުނެ ނޫސްތަކުގައި ލިޔެފައިވާ ވާހަކައާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ،  "އަޅުގަނޑު ދެއްކި ވާހަކައިގައި ބޭނުންކޮށްފައިވާ އިބާރާތް ބޭނުންކޮށްފައި ވަނީ އެއްވެސް ހާލެއްގައި އައުގުރާނަގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ ނިޔަތުގައި ނޫންކަމަށް ދަންނަވަން" ކަމަށެވެ.

އޭނާ އެ އިބާރާތް ބޭނުންކޮށްފައި ވާނީ "ދިވެހި މުހާވަރާއެއް ބޭނުންކޮށް ސަމާސާ މިސާލެއް ވާހަކައިގައި ގެނައުމުގެ ނިޔަތުގައި" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް އެ އިބާރާތް އަޅުގަނޑަށް ބޭނުންކުރެވިފައިވާ ގޮތުގެ ސަބަބުން، އަޅުގަނޑު ބޭނުންކުރި މާނައާއި ވިސްނުމާ ޚިލާފު މާނައެއް އެ އިބަރާތުން ކުރެވޭކަމަށް ބައެއް ބޭފުޅުންނަށް ގަބޫލުކުރެއްވޭތީ، އެ ހުރިހައި ބޭފުޅުންގެ އަރިހުންނާއި ޖުމުލަ ގޮތެއްގައި އެންމެހައި ލޮބުވެތި ދިވެހީންގެ އަރިހުން މަޢާފަށް އެދެމެވެ." ފާޑުކިޔުންތައް އަމާޒުވުމުން ރަފިއްޔާ އޭނާގެ އެކްސް އެކައުންޓް މެދުވެރިކޮށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ފާޑުވިދާޅުވެ ދެއްކެވި ސަމާސާ ވާހަކަފުޅުގައި ރަފިއްޔާ ބޭނުންކުރެއްވި މުހާވަރާގައި އޭނާ ވިދާޅުވީ، "ދެން އަޅުގަނޑު ދެންނެވީ ހަގީގަތުގައި އޭނާއަށް އިނގެޔޭ. ފެންފޯއް ރުއް އިންދީމަ ކިހިނެއްތޯ ވާނީ؟ **** ފައިންއެރިގެން އިރުކޮޅަކުން އުޅޭނީ،" އޭކަމަށެވެ.