ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ލިބުނަ ނުދީ ކޯޓު ނިޒާމު ތެރޭން އެމަނިކުފާނު ކަސްތަޅު އަޅުވާފައިވާ ކަމަށާއި އެކަން ބަލައި ނުގަނެވޭނޭ ކަމަށް ޔާމީނުގެ ޤާނޫނީ ވަކީލު އަދި އިންތިޚާބަށް ކަނޑައެޅި ރަނިންގމޭޓް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ސުޕްރީމްކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އިލެކްޝަންސް ކޮމިޝަނުގެ ނިންމުމާ އެއްކޮޅަށް ނިމިގެން ދިޔުމުންނާއި، ހައިކޯޓަށް ހުށަހަޅާފައިވާ ޔާމީނުގެ އިސްތިއުނާފުގެ މައްސަލަ، ފަނޑިޔާރެއްގެ ޗުއްޓީއާ ހުރެ ލަސްވެ، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން ޔާމީން ސަރުކާރުގެ ކުރީގެ ނައިބު ރައީސް ވަނީ ޝަރުޢީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ--

 

ޑރ. ޖަމީލު ވިދާޅުވީ، " ރައީސް ޔާމީން އަށް އިންސާފު ނުލިބި ރާއްޖޭގެ ކޯޓު ނިޒާމުގެ ތެރޭގައި އެ މަނިކުފާނު ކަސްތަޅު އަޅުވައިފި. އަދި އެ މަނިކުފާނުގެ އަސާސީ އެތަކެއް ޙައްޤެއް އަނިޔާވެރިކަމާއެކު ނިގުޅައިގަނެފި. މިއީ ބަލައިގަނެގެން ހުރެވޭނެ އަނިޔާއެއްނޫން،" ކަމަށެވެ.

އަދި މާތްﷲގެ އިރާދަފުޅާއެކު " ކުރިއަށް އޮތް ކޮންމެ ހަފްތާއެއް އަދި ކޮންމެ ދުވަހެއްވެސް ހޭދަކުރާނީ ހަމަ ރައީސް ޔާމީން މިނިވަން ކުރުމަށް،" ކަމަށްވެސް އޭނާ ވަޢުދުވިއެވެ.

ރައީސް އިބްރާހީމް ސިޔާސީގޮތުން އެންމެ ބޮޑަށް ޖެހިލުންފުޅުވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ އިންތިޚާބެއް އިންސާފުވެރި ނުވާނެ ކަމަށާއި ޔާމީން މިނިވަންކޮށްލުމަށް ގޮވާލާ އަޑުތައް މިހާރު ވަނީ، ވަރަށް ބޮޑަށް ގަދަވެފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ "ދަ ޑިމޮކްރެޓްސް"ވެސް ހިމެނެއެވެ.