ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުޑަޕާޓީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އެ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމް ހިމެނޭގޮތަށް ޕްރޮގްރެސިވް ކޯލިޝަން ވަރުގަދަ ކެމްޕޭނަކަށް ތައްޔާރުވަމުންދާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިފަހަރުގެ އިންތިޚާބުގައި ވާދަކުރެވޭނެ ހުރިހާ ދޮރެއް ބަންދުވުމުން އެމަނިކުފާނު ވަނީ އިންތިޚާބު ބޮއިކޮޓްކުރުމަށް އެ ކޯލިޝަނަށް އިރުޝާދުދެއްވައިފައެވެ. ނަމަވެސް ފަހުން މަޝްވަރާތަކަށް ފަހު ޔާމީން ވަނީ، މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒަށް އިންތިޚާބުގައި ތާޢީދުކުރައްވާކަން ހާމަކުރައްވައިފައެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުން އަންގާރަ ދުވަހުގެ ރޭ ނޫސްވެރީންނާ ބައްދަލުކޮށް ވިދާޅުވީ، ޕާޓީތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ރައީސް ޔާމީނުގެ ފުރިހަމަ ތާޢީދާއެކު އިންތިޚާބު މުޢިއްޒަށް ކާމިޔާބުކުރުމަށް އެ ކޯލިޝަނުން ތައްޔާރުވެއްޖެ ކަމަށެވެ.

އެ ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވީ، އޭނާގެ ރިޔާސީ ވަޢުދުތަކަކީ ސީދާ ރައީސް ޔާމީންގެ ވަޢުދުތައް ކަމަށާއި މަސައްކަތްކުރައްވާނީ ޔާމީންގެ ލެގަސީ ދަމަހައްޓާން ކަމަށެވެ.

މުޢިއްޒު ވަނީ، އޭނާ ރައީސްކަމަށް އިންތިޚާބުވެއްޖެ ނަމަ އެންމެ ފުރަތަމަވެސް ކުރައްވާނޭ ކަމަކީ، ރައީސް ޔާމީނު މިނިވަންކުރެއްވުން ކަމަށް ވައުދުވެވަޑައިގެންފައެވެ.