ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ކެމްޕޭން ކުރައްވާން ބޭއްވި ޖަލްސާގައި އެމްޑީއޭގެ ނައިބު ރައީސް ޢާއިޝަތު ރަފިއްޔާ ބޭއަދަބީބަސް ބޭނުންކޮށް އަވަގުރާނަ ގޮވުމުން ރައީސަށް އެކަން މަޖާވެ ހިނިފުޅުވަޑުއްވައިފިއެވެ.

ގދ. ވާދޫގައި ކުރިއަށްގެންދިޔަ "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެ ރަފިއްޔާ ވަނީ ވަރަށް ފޯރީގައި ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވަމުން ދައްކަވަމުން ގެންދެވި އޭނާގެ ޖޯޝުން ފުރިގެންވީ ވާހަކަފުޅުގެ ތެރޭގައި ބޭއަދަބީ ބަސްތައް ބޭނުންކުރައްވަމުން ގެންވި އިރު، ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސް އިބްރާހީމްވެސް ވަރަށް މަޖާވެ ތިއްބަވައިގެން އެވާހަކަތަކަށް ތަރުހީބު ދެއްވައި އަތްތިލަބަޑި ޖައްސަވަމުން ގެންދެވިއެވެ.

ރަފިއްޔާ ވިދާޅުވީ، 2012 ވަނަ އަހަރު ހުވަދުއަތޮޅަށް ކުރެއްވި ދަތުރެއްގައި މީހަކާ ދިމާވެގެން " ގެބައްރާ ކޮބައިތޯ" ސުވާލުކުރެއްވި ކަމަށާއި، އޭގެ ޖަވާބުގައި " ނަރުދަމާ ކޮބައިތޯ" ތިމަންނާ ސުވާލުކުރިން ކަމަށެވެ. "އަނެއްކާވެސް ދަންނަވައިފި ގެބައްރާ ބައްލަބަލަ"އޭ އެމީހާ ބުނިކަމަށެވެ.

"އަޅުގަނޑު ދެންނެވި އެއްޗަކީ މިއީ ހަމަ ހަގީގަތެއް. މާލޭގައި އަޅުގަނޑަށް ފެނެޔޭ ރައީސަކު ފެންފޯއް ރުއް އިންދައިގެން އުޅޭތަން. ވިސްނާލަބަލާށޭ ހަގީގަތް. ކައްޓަލަ އިންދީމާ ކައްޓަލަ ފަޅާނީ އަޑިއަށޭ. ނުކުންނާނީ ބިމުން އަޑިއަށޭ. އެ ނުއެއް ފެންނާނޭ. އެކަމަކު ކައްޓަލައަކީ ކިހާ ސިއްހަތައް ފައިދާހުރި އެއްޗެއްކަން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯއޭ؟ ހަމަ އެގޮތަށް ނަރުދަމާ އެޅީމާ އެ ފައިބާނީ ތިރިއަށޭ. އެޔެއް ނުވެއް ފެންނާނެ އިނގޭތޯ. އެހެންވީމާ ގެބައްރާ އެޅީމާ އޭނައަށް އެބަ އިނގޭ ނެރުން ވަނީމާ ގެބައްރާކަން މި ފެންނަނީ،" ރަފިއްޔާ އޭނާގެ 11 ވަރަކަށް އަހަރު ކުރީގެ ހުވަދޫ ތަޖްރިބާ ސަޕޯޓަރުންނަށް ކިޔައިދެމުން ގެންދިޔައެވެ.

އޭނާ ވިދާޅުވީ ގެބައްރާވެސް އަޅާފައި ވަނީ، މައުމޫނު ޒަމާނުގައި ހިއްކާފައިވާ ތަންކޮޅެއްގައި ކަމަށާއި، ދެފަރާތުން ރާޅުޖަހާއިރަށް ގެބައްރާއަށް ރާޅުވަންނަ ގޮތަށް ކަމަށެވެ.

"ދެން އަޅުގަނޑު ދެންނެވީ ހަގީގަތުގައި އޭނާއަށް އިނގެޔޭ. ފެންފޯއް ރުއް އިންދީމަ ކިހިނެއްތޯ ވާނީ؟ **** ފައިންއެރިގެން އިރުކޮޅަކުން އުޅޭނީ،" ރައީސް އިބްރާހީމު ދެވަނަ ދައުރަކަށް ވެރިކަމަށް ގެންނާން އިއްތިހާދުވެފައިވާ ބިޔަ އެއް ޕާޓީ ކަމަށްވާ އެމްޑީއޭގެ ނާއިބު ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ރައްޔިތުން ގުނބޯހެއްދީ ކަމަށާއި މިހާރު އެކަންކަން ތާރީޚުގެ ތެރެއަށް ގޮސްފި ކަމަށެވެ.

ރަފިއްޔާގެ މި ބޭއަދަބީ ވާހަކަދެއްކުމުގެ ހުނަރަށް ގިނަބަޔަކު ފާޑުކިޔަމުންދިޔަ ނަމަވެސް ސަރުކާރު ކޯލިޝަނުންވެސް އަދި ރަފިއްޔާވެސް، ރަފިއްޔާ ނިސްބަތްވާ ޕާޓީންވެސް މިކަމަށް މާކަބޮޑު ޝައުގުވެރިކަމެއް ދީފައެއް ނުވެއެވެ.

މިއީ ހަމަ ޔަގީނުންވެސް، ރައީސް އިބްރާހީމު ރާއްޖޭގެ މުޖުތަމައު ބައްޓަންކުރާން ބޭނުންވާ ގޮތް ކަމަށް ވާނަމަ، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާކަމަށް މިހާރު ގިނަބަޔަކު ދަނީ އަޑުއުފުލަމުންނެވެ.