ޚިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުކުމެއް އިއްވައި، އިސްތިއުނާފުގެ މަރުހަލާއިން އެކަހެރިކުރުވައި، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވައިލި ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދޫކޮށްލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހަރުއަޑުފުޅުން ގޮވާލައްވައިފިއެވެ .

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާޢީދު ހޯއްދެވުމަށް ފުވައްމުލައް ސިޓީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި، ނަޝީދު ވިދާޅުވީ "ޕީޕީއެންގެ ޒައީމް، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނާ ގުޅޭގޮތުން މި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް އެއީ އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާ ކަންތައްތަކެއް،" ކަމަށެވެ.

ރައީސް ޔާމީނުގެ ސިޔާސީ އެންމެ ބޮޑު އެއް ވާދަވެރިޔާ ވިދާޅުވީ "އެނގިވަޑައިގަންނަވާނެ އެމްއެމްޕީއާރުސީގެ ވައްކަމުގައި 273 މީހުން އެބަ ހިމެނޭ. އެހެން ނަމަވެސް އޭގެ ތެރޭން އެކަމުގައި އެ ކިޔުންވާ އެންމެ ބޭފުޅަކު ގެންގޮސް ހިފާ ހައްޔަރުކޮށް ފަސް އަހަރު ވީމާ، ދެން އެއީ އިންސާފުގެ ގޮތުގައި އަޅުގަނޑުމެން ބަލައެއް ނުގަނެވޭނެ" ކަމަށެވެ.

"ރައީސް ޔާމީން ހަމަ މިހާރު ޖެހޭނީ ދޫކޮށްލާން..! ރައީސް ޔާމީން ދޫކޮށްލާ..." ކެޔޮވައް ފޫދިޔައިމަ ދެން ރޫޅޭނީއޭ ވިދާޅުވި ފަދަ ހަރު އަޑުފުޅުން އެމަނިކުފާނު ސަރުކާރަށް ރައީސް ޔާމީން ދޫކޮށްލާން ގޮވާލެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މީހުން ޖަލުން ނެރޭން ހަގީގަތުގައި ވެސް ޑިމޮކްރެޓްސްއަށް އެނގޭ ކަމަށާއި، ޖަލުން ނެރުމުގެ ނިޒާމަކީ "އެމްޑީޕީގައި އަޅުގަނޑު އުޅުނު އިރުގައި ފައްކާކޮށްފައިވާ ނިޒާމެއް" ކަމަށެވެ.

އެހެންކަމުން މިހާރު ރަޙްމަތްތެރި ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަނީ، "އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ޖަލުގައި ދެން މާގިނަ ދުވަހަކު ނުހުންނަވާނެ" ކަން ކަމަށެވެ.

އެމްޑީޕީއަށް ދެވަނަ ބުރެއްގައި ވޯޓުދޭން ނުޖެހޭނޭ ގޮތަކަށް ވިސްނުންތެރިކަމާއެކު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވުމަށް ޕީޕީއެމްގެ މެންބަރުންގެ ފަރާތުން ދަ ޑިމޮކްރެޓްސްއިން ވަނީ އެދިފައެވެ.