ދަ ޑިމޮކްރެޓްސް އިން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ، ރައްޔިތުމީހާއަށް ހަލާލުމަސައްކަތުން އާމްދަނީ ހޯދައި އުފާވެރިކަމާއެކު އުޅެވޭނެ ގޮތް ހޯދައިދޭން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންނާއެކު ބޭއްވި ކެމްޕޭން ޖަލްސާގައި، ހުޅުދޫ ދާއިރާގެ މަޖްލިސްމެންބަރުކަންވެސް ކުރައްވާ އިލްޔާ ވިދާޅުވީ، "އަޅުގަނޑުމެން މިކުރާ ކަމަކީ، ތިބޭފުޅުން ތިކުރައްވާ މަސައްކަތް އެކަން ބަލައިގަނެ، އެކަން އިތުރަށް ކުރިއަށް ގެންދެވޭނޭ ގޮތް ހޯދައިދީ މިހާރު އެކަން ކުރުމުގައި ތިބޭފުޅުންނަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބަލައި އެ ދަތިތަކުން އަރައިގަނެ، ތިބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރު، ތިބޭފުޅުންގެ އާއިލާއަށް މަހުން މަހަށް ދުވަހުން ދުވަހަށް ވަންނަ އާމްދަނީ އިތުރުކުރެވޭނޭ ގޮތްތަކެއް ހޯދައިދިނުމަށް ކުރާ މަސައްކަތް،" ކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ އާމްދަނީއާ ގުޅިފައިވާ ކަންކަން ވަރަށް ބައިވަރު ކަމަށެއެވެ. އެގޮތުން"އާއިލާތެރޭގައި ކުދީންނަށް ތައުލީމު ހޯދައިދެވޭނޭ ގޮތް، ބަލިވީމަ ބޭސްފަރުވާކޮށްދެވޭނޭ ގޮތް، ގޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުއްޖެއް ހުރެއްޖެ ނަމަ، ނުނީ ދެންތިބި ކުދީން އެ ވަބާގައި ނުޖެހި ސަލާމަތްކުރެވޭނޭ ގޮތް ހޯދަދިނުން،" ކަމަށްށެވެ.

މީގެ އިތުރުން ޗުއްޓީ އައިމަ އާއިލާއާއެކު އުފާވެރިކަމާއެ "އަމިއްލަ ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ފަސޭހަކަމާއެކީ، ހިތްހަމަ ޖެހުމާއެކީ، ޗުއްޓީ ހޭދަކޮށްލެވޭނޭ ގޮތް ހޯދައިދޭން" ކުރާ މަސައްކަތެއްގެ ގޮތުގައި ޑިމޮކްރެޓްސްގެ ސިޔާސަތުތައް އޭނާ ސިފަކުރެއްވިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އަސްލަކަށް ބަލައިގެން އުފެއްދި ދަ ޑިމޮކްރެޓްސްއަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެންމެ ހަގު ސިޔާސީ ޕާޓީއެވެ. އަދި އިލްޔާސް ލަބީބަކީ މި އިންތިޚާބުގައި ވާދަކުރައްވާ އެންމެ ހަގު ރިޔާސީ ކެންޑިޑޭޓަށްވެސް ވާނެއެވެ.