ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަރަށް ބޮޑަށް ހުރަސްއަޅަމުންދާކަމަށާއި އެއީ ކުރެވޭނެކަމެއް ނޫންކަމަށް ބުނެ މިސަރުކާރު ބަދަލުކުރައްވާނޭ ކަމަށް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ، އެމްޑީޕީގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހްމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު ޑިމޮކްރެޓްސްގެ ފުވައްމުލައް ސިޓީ ޖަގަހައެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، "ރައްޔިތުން ކާންދީ ބޯންދީ އިންތިޚާބުކޮށްފައިވާ، ނުވަތަ އައްޔަނުކޮށްފައިވާ ސަރުކާރުގެ ވެރީން، މި ރަށްރަށަށް އައިމާ ތިޔަބޭފުޅުން އެކަންކަމާ އިހްތިޖާޖުކުރުމުގެ ހައްގު ލިބިގެންވާ ކަންކަމުގައި އިހްތިޖާޖު ކުރުމުން ތިޔަބޭފުޅުންގެ ލޮލަށް ޕެޕަރސްޕރޭ ޖަހައި އަނިޔާކުރުމުގެ ޙައްގެއް ނޯންނާނެ" ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އަދި ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ވިދާޅުވީ، "ތިޔަ ބޭފުޅުން ކާންދީ ބޯންދީފަ ތިއްބެވި ބޭފުޅުން އެއީ، ތިޔަ ބޭފުޅުން އިޙްތިޖާޖް ކުރީމާ އަނިޔާކުރުމުގެ ހައްގެއް ނޯންނާނ" ކަމަށެވެ.

އިންތިގެ ވާހަކަފުޅުގައި، ރައީސް އިބްރާހީމް ދ. ކުޑަހުވަދުއަށް ވަޑައިގަންނެވި ކެމްޕޭން ދަތުރުފުޅާ ދިމާކޮށް އެރަށު ކައުންސިލް މެންބަރު އަޙްމަދު މަޢުރޫފު އަމިއްލަ ގޭގައި ހުންނަވައިގެން ރައީސް އިބްރާހިމާ ދެކޮޅަށް އިހްތިޖާޖުކުރައްވަނިކޮށް ހައްޔަރުކުރި މައްސަލައަށް ވެސް ބައްލަވައިލެއްވިއެވެ. 

"އެރަށުގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލްގެ މެންބަރުން ގިނިކަންޏާ ގޭތެރޭގައި ހުންނަވައިގެން އިހްތިޖާޖެއް ކޮށްލެއްވީމާ ފުލުހުން ފޮނުވައިގެން ދޮރުވައްޓާލާ ކޯޓް އަމުރެއް ނެތި ހިފައި ހައްޔަރުކުރުމުގެ ހައްގެއް ނޯންނާނެ،" މައުރޫފް ހައްޔަރުކުރި ހާދިސާ ހަރުއަޑުން ކުށްވެރިކުރައްވަމުން އިންތި ވިދާޅުވިއެވެ.

އިންތި އިތުރަށް ވިދާޅުވީ، "އިރާދަކުރެއްވިއްޔާ މި ގޮތްކުޑަ ވެރިކަން އަޅުގަނޑުމެން ބަދަލުކުރާނީ ޖެހިގެން އަންނަ، އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން މިބޭފުޅުންގެ ނިމުން ގައިމު ކޮށްދޭނަން" ކަމަށެވެ.

އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަފުޅަކީ، މިހާރުގެ ރައީސް އިބްރާޙީމުގެ އެންމެ ބޮޑު އަދި އެންމެ ގަދައަށް ހަރުއަޑުން ވެލެއްވި ވަޢުދެވެ. ނަމަވެސް، އެ ވަޑުދު އަތިވެސް އޮތީ، ރައީސް އިބްރާހީމުގެ ފުރިހަމަ ބާރުއޮތް ޕާލިމަންޓުގެ ކޮމެޓީއެއްގެ ތެރޭގައި ތާށިވެފައެވެ.