ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދީފި ނަމަ، ގދ. ރަތަފަންދުއާ އެރަށު ފަޅުތެރޭގައި އޮންނަ ކެރެއްދޫ ކިޔާ ފަޅުރަށް ގުޅާލަދެއްވާނޭ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފިއެވެ.

ރައީސް އިބްރާޙީމް ހުވަދުއަތޮޅު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ރަތަފަންދުއަށް ވަޑައިގެން ވަނީ، އެރަށު ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެ ވަޑައިގެންފައެވެ. އެގޮތުން، އެރަށުގެ ބިމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ބިންހިއްކައި ދިނުމުގެ އިތުރުން، ރަތަފަންދޫ ބޭރުމަގުގައި ވަށައިގެން ތާރުއެޅުމާއި، ޒަމާނީ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އަޅައި ދިނުމާއި، އާ ސިއްހީ މަރުކަޒެއް އަޅައި ދިނުމާއި، ސްކޫލަށް މަލްޓިޕާރޕޯސް ހޯލެއް ހަދިޔާކުރުމާއި ބަނދަރު ތަރައްގީކުރުން ހިމެނެއެވެ.

ނިމިގެން މިދާ ފަސްއަހަރުގެ ދައުރުގައި ވެވަޑައިގެންނެވި ގިނަ ވަޢުދުތަކެއް ނުފުއްދި ވާއިރު، އަނެއްކާވެސް އެވަޢުދުތަކާއެކު އިތުރު ވަޢުދުތައް ފުއްދާން އިތުރު 5 އަހަރަށް ރައީސް ދަނީ ރައްޔިތުންގެ ކިބައިން އެދެމުންނެވެ.