ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ވާދަކުރައްވަން، އެއްވެސް އަމާޒެއްނެތި އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުން އެބަ ތިއްބެވިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާޙީމް ހުވަދުއަތޮޅު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ގދ. ހޯޑެއްދޫ ރައްޔިތުންނާ މުޙާޔަބުކުރައްވައި ވިދާޅުވީ، މިފަހަރުގެ އިންތިޚާބަށް ބައެއް ބޭފުޅުން ކުރިމަތިލެއްވީ އެއްވެސް "މިޝަނެއް" ނެތި އިންތިޚާބުގެ ވޯޓުތައް ބައިބައިކޮށްލުމަށް ކަމަށެވެ.

އެއީ ކޮންބޭފުޅެއްތޯ ނުވަތަ ކޮން ފަރާތްތަކެއްގެ ނަން ހާމަނުކުރައްވައި، ރައީސް ވިދާޅުވީ "ނަމެއްގައި ކުރިމަތިލައިގެން އުޅެނީ. ބައިބައިވުން އުފައްދާން. އެމީހުންގެ މާބޮޑު މިޝަނެއް ނެތް،" ކަމަށެވެ.

ރައީސް އިބްރާހީމުގެ ސަރުކާރުން ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ދަރަނި ގާތްގަނޑަކަށް 115 ބިލިއަނާ ގާތްކުރާވަރަށް އަރުވާލާފައިވާއިރު ބައެއް ރަށްރަށުގައި މަލްޓިޕަރޕޯސް ހޯލާއި ފުޓްސަލް ދަނޑާއި އިންޖީނުގެތައް ގިނަ ޢަދަދަކަށް ޢިމާރާތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ވިދާޅުވީ، ބަޔަކު އުޅެނީ ސަރުކާރުން ކުރިއަށް ގެންދާ ބިޔަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދަތިކުރާން ކަމަށާއި، ނަމަވެސް މިފަހަރުގެ އިންތިޚާބު އެމަނިކުފާނަށް ފަސޭހައިން ކާމިޔާބުކުރެއްވޭނޭ ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ރައީސް އިބްރާހީމްގެ އިތުރުން ވާދަކުރައްވަނީ:

ސިޔާސީ ޕާޓީތަކުން ވާދަކުރަނީ:

  • ޕްރޮގްރެސިވް ކޯލިޝަން (ޕީއެންސީ، ޕީޕީއެމް)ގެ ފަރާތުން ޑރ. މުޙައްމަދު މުއިއްޒު، ހުސެން މުޙައްމަދު،
  • ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބު، ރަނިންގމޭޓް ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު،
  • ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް އިބްރާހީމް،ރަނިންގމޭޓް ޑރ. އަމީން އިބްރާހީމް،
  • އެމްއެންޕީގެ ފަރާތުން މުޙައްމަދު ނާޒިމް، ރަނިންގމޭޓް ޑރ. އަހުމަދު އަދީލް ނަސީރު

އަމިއްލަގޮތުން ވާދަކުރައްވަނީ:

  • ޢުމަރު ނަސީރު، ރަނިންގމޭޓް އަހްމަދު ސަލީމްއަޙްމަދު
  • ފާރިސް މައުމޫން، ރަނިންގމޭޓް ޑރ. އަބްދުއް ސައްތާރު ޔޫސުފް
  • ހަސަން ޒަމީލް، ރަނިންގމޭޓް މަރިޔަމް އަލީމް

 

ރައީސް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ހުވަދޫން މި ފެންނަނީ، ޖަޒީރާ ރާއްޖޭގެ ތަސައްވުރު ހަގީގަތަކަށްވެ، މަޑަވެލި، ހޯނޑެއްދޫ ނަޑައްލާ، އަދި ރަތަފަންދުއާ ފިޔޯރީވެސް އުފާވެރި އަމާން ރާއްޖެއަށް ދަތުރު ހަދާފަވާ މަންޒަރު ކަމަށެވެ.