ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދޭގޮތަށް ކަނޑައަޅައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ގެޒެޓްކުރި ލިސްޓުގައި ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައި ވާއިރު، އޭގެތެރޭން ތިން ކޮޓަރީގެ އެޕާޓްމަންޓަށް އެދި 14،489 ފޯމް އަދި ދެ ކޮތަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ 4،319 ފަރާތެއް ހިމެނޭއިރު، 3 ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ 10،727 ފަރާތަކާއެކު ޝަރުތު ހަމާ ފަރާތްތަކުގެ ޖުމުލަ  15،000އަށް ވުރެ ގިނަ ލިސްޓުން ދައްކައެވެ. 

ޕްލޭނިންގ މިނިސްޓްރީން ބުނީ، ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މި މިނިސްޓްރީގެ ފަރާތުން ކުރާނެކަމަށެވެ. އަދި ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެކަމަށެވެ.

ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް"  މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުގެ އިންތިޒާމު  8 އޯގަސްޓް 2023 އިން 22 އޯގަސްޓް 2023 ގެ 23:59 ނިޔަލަށް ހަމަޖެހިފައިވާނެ ކަމަށްވެސް މިނިސްޓްރީގެ ޢިއުލާނުގައި ވެއެވެ.

އިންތިޚާބާ ދިމާކޮށް، 15،000 މީހުންނަށް ފްލެޓްދޭގޮތަށް ވަގުތީ ލިސްޓެއް ޢާންމު ކުރިނަމަވެސް، އެ ފަރާތްތަކަށް ފްލެޓް ދޭނޭ ތަނެއް ސަރުކާރުން ނުބުނެއެވެ.