ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ގދ. މަޑަވެއްޔަށް ކުރައްވާން އޮތް ދަތުރުފުޅުގައި އެރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ބަޔަކު ހުޅުޖަހައިފިއެވެ.

ރައީސް އިބްރާހީމް މަދަވެއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ، އަންގާރަ ދުވަހުގެ ހެނދުނު 9:00ގައެވެ. އެރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކުރި ސްޓޭޖާއި ޒީނަތްތެރި ކުރުމަށް ދަމާފައިވާ ފޮތިތަކާއެކު މުޅި ޖަލްސާ މާލަން ވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި އަންދާލައިފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، ޢާންމުންނާއި ފުލުހުން ގުޅިގެން ކަމަށެވެ. މި މައްސަލަ ފުލުހުން ތަހްގީގުކުރަމުން އަންނަ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު އެކަމާ ގުޅިގެން ހައްޔަރުކޮށްފައި ނުވާކަމަށެވެ.

 

ރައީސް އިބްރާހީމްގެ ކެމްޕޭން ދަތުރުފުޅުތަކާ ދިމާކޮށް ރަށްރަށުގައި އިދިކޮޅު ފަރާތްތަކުގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ފުލުހުންނާއި ސަލާމަތީ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެގޮތުން، ރޭ ދ. ކުޑަހުވަދޫ ކައުންސެލަރަކު އޭނާގެ ގޭގައި ރައީސާ ދެކޮޅަށް ޝުޢޫރުފާޅުކުރާން ހުއްޓައި ހައްޔަރުކުރުމާއި، ފުވައްމުލަށް ސިޓީއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެރަށުންވެސް އިދިކޮޅުގެ ގިނަ ބަޔަކު ހައްޔަރުކުރިކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ، ގާނޫނުއަސާސީން ލިބިދޭ ޙައްގަކަށްވާއިރު އެ ޙައްގު އޭގެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަކީ ރައީސް އިބްރާހީމުގެ ރިޔާސީ ވަޢުދެކެވެ. ނަމަވެސް، އަދި އަދާޖެހެންދެންވެސް އެއްވެއުޅުމާއި ޚިޔާލުފާޅުކުރުން ހަނިކުރާގޮތަށް މަޖިލީހުން ފާސްކުރި ބިލްވެސް އޮތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ތާށިވެފައެވެ.