ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، އެންމެ ފުރަތަމަވެސް ކުރައްވާނޭ ކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުން ކަމަށް، ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށްފަހު ކޯލިޝަންގެ އިސްވެރީންނާއެކު ބޭއްވި ބައްދަލުވުމެއްގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވީ، އިންތިޚާބު ކާމިޔާބުވެ ޕޯޑިއަމަކަށް އަރައި އެންމެ ފުރަތަމަވެސް ދައްކަވާނޭ ވާހަކައަކީ، މިހާރުން މިހާރަށް އެމަނިކުފާނު (ރައީސް ޔާމީން) ގެއަށް ބަދަލުކުރުން ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ، އިންތިޚާބު ކާމިޔާބުވެ، ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު، ރައީސް ޔާމީން ގެއަށް ބަދަލު ނުކޮށްފި ނަމަ، އޭނާ ވެރިކަމުގެ ފުރަތަމަ ދުވަހުގެ    މަސައްކަތަކަށް ވެސް ވާނީ ޔާމީން ގެއަށް ގެނައުން ކަމަށެވެ.

"މާނައަކީ އިއްޔެ ފެށި މަސައްކަތް އިތުރަށް ގިއަރު މަތިކުރަމުން ގޮސް، ކާމިޔާބުކޮށް އެމަނިކުފާނު މިނިވަންކުރާނަމޭ،" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް މިފަހަރުގެ އިންތިޚާބުގައި ކުރިމަތި ނުލެވޭ ހާލަތެއްގައި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަން ތަމްސީލުކުރުމަށެވެ.