ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާން ހަމަޖެހިފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގެ ވަގުތު ހަމަވީއިރު އިންތިޚާބުގައި ވާދަކުރާން ޖުމްލަ 8 ރިޔާސީ ކެންޑިޑޭޓަކު ކުރިމަތިލައިފިއެވެ. 

ރާއްޖޭގެ ސިޔާސީ ޙަޔާތުގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. އަދި ރިޔާސީ އިންތިޚާބަކާ ދިމާކޮށް ސިޔާސީ ޑްރާމާވެސް އެންމެ ގިނަ ފަހަރުކަމަށް މިފަހަރު ވާނެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން 3 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 5 ކެންޑިޑޭޓަކު އިންތިޚާބަށް ކުރިމަތިލާފައިވެއެވެ. ފައިނަލް ލިސްޓް އެނގޭނީ އިލެކްޝަނުން ބަލާންޖެހޭ ކަންކަން ބެލުމަށްފަހު ލިސްޓު އާންމުކުރީމައެވެ.

ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރީ މަލްޓިޕާޓީ ސިސްޓަމާއެކު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކަމަށްވާ 2008 ވަނަ އަހަރުގައެވެ. އެފަހަރު 6 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރަނީ:

  • ސަރުކާރު ކޯލިޝަން (އެމްޑީޕީ، އަދާލަތު ޕާޓީ، އެމްޑީއޭ)ގެ ފަރާތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ރަނިންގމޭޓް މުޙައްމަދު އަސްލަމް،
  • ޕްރޮގްރެސިވް ކޯލިޝަން (ޕީއެންސީ، ޕީޕީއެމް)ގެ ފަރާތުން ޑރ. މުޙައްމަދު މުއިއްޒު، ހުސެން މުޙައްމަދު،
  • ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބު، ރަނިންގމޭޓް ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު،
  • ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް އިބްރާހީމް،ރަނިންގމޭޓް ޑރ. އަމީން އިބްރާހީމް،
  • އެމްއެންޕީގެ ފަރާތުން މުޙައްމަދު ނާޒިމް، ރަނިންގމޭޓް ޑރ. އަހުމަދު އަދީލް ނަސީރު އެވެ.

އަމިއްލަ ގޮތުން ވާދަކުރާން ކުރިމަތިލެއްވީ:

  • ޢުމަރު ނަސީރު، ރަނިންގމޭޓް އަހްމަދު ސަލީމް
  • އަޙްމަދު ފާރިސް މައުމޫން، ރަނިންގމޭޓް ޑރ. އަބްދުއް ސައްތާރު ޔޫސުފް
  • ހަސަން ޒަމީލް، ރަނިންގމޭޓް މަރިޔަމް އަލީމް.

އިންތިޚާބަށް ޝަރުތު ހަމަވާ ފަރާތްތައް އީސީން އިއުލާނުކުރާނެއެވެ. އަދި ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކުރުން އޮންނާނީ އޯގަސް 9 ވަނަ ދުވަހުއެވެ.