ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ކެންޑިޑަސީ ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާނޭކަން ކުރިންވެސް އެންމެނަށްވެސް އެނގެއެވެ. ނަމަވެސް އިންސާފުގެ އެންމެ ފަހު މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ޚިލާފަށް އީސީގެ ނިންމުން ދަމަހައްޓައިފާނޭކަމަށް ގަބޫކުރާ މީހުން މަދެވެ. އެގޮތުން ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ޔާމީންގެ ކެންޑިޑަސީ މައްސަލައާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ޔާމީންގެ މައްސަލައިގެ ތެރެއަށް ސުޕްރީމް ކޯޓުން ބޭނުންވެގެން، ބަންޑާރަ ނައިބު ދަތައްޚުލް ކުރުވި މައްސަލައާ ގުޅޭގޮތުން އަލް އުސްތާޛް އަޙްމަދު މާޖިދު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެއީ ހަމަ ރަނގަޅަށް ވެސް ގާނޫނުއަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުން ކުރި ކަމެއް ކަމަށެވެ.

" އެއީ ކަނޑައެޅިގެން ޕްރޮސީޖަރ ޤާނޫނުގެ އުޞޫލުތަކާ ޚިލާފަށް ކޯޓުގެ ތަޤުދީރީ ބާރު ނަހަމަގޮތުގައި ބޭނުންކުރުން ކަމުގައި މެނުވީ ނުވާނެ" މާޖިދުގެ ސުވާލަށް ޖަވާބު ދެއްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "ޤާނޫނުން ކޯޓަށް އެ ބާރުދެނީ ތަދައްޚުލުވުމުގެ ޙައްޤު ލިބިގެންވާ ފަރާތަކަށް ތަދައްޚުލްވުމުގެ ފުރުޞަތު ފާއިތުވެގެން ހިނގައިދާނެތީ އެފަރާތުގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި" ކަމަށެވެ.

ނަމަވެސް، " ސުޕްރީމްކޯޓުގެ އެކްސްކުލޫސިވް އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލައެއް ކަމުގައިވާ ރައީސް ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ ތެރެއަށް ބަންޑާރަނައިބު ތަދައްޚުލް ވާންޖެހޭ/ކުރުވަންޖެހޭ އެއްވެސް ޤާނޫނީ އަސާސެއް ނޯންނާނެ؛" ކަމަށް އޭނާ ވިދާޅުވީއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ،  ރައީސް ޔާމީންގެ ކެންޑިޑަސީ މައްސަލައިގެ ތެރެއަށް ވަނުމުގެ ޤާނޫނީ “ކެޕެސިޓީއެއް، އަދި ޤާނޫނީ މަޞްލަޙަތެއް ވިއަސް ބަންޑާރަނައިބުގެ ނޯންނާނެ ކަމަށެވެ.

" އަމިއްލަ ނަމުގައި ދަޢުވާކުރުމާ ދަޢުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ، އިންތިޚާބާ ބެހޭ މިނިވަން މުސްތަޤިއްލު މުއައްސަސާޔަށް ދަޢުވާލިބޭ މައްސަލައެއްގެ ތެރެއަށް ސަރުކާރު ތަމްޘީލުކުރާ ބަންޑާރަނައިބު ތަދައްޚުލް ކުރުވުމަށްވުރެ ބޮޑު “އިރެގިއުލަރިޓީ” އެއް ނޯންނާނެ!" ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައި ނުގަތުމަށް އީސީން ނިންމި ނިންމުމަށް، ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުން އިއްތިފާގުވިއެވެ. އެއްވެސް ފަނޑިޔާރެއްގެ ރައުޔު ކުޑަކޮށްވެސް ތަފާތު ނުވާގޮތަށް އެންމެ ރައުޔެއްގެ މައްޗަށް ބިނާކޮށެވެ. އޭގެ ސަބަބުން، ހައްގު ގެއްލިގެން ދަނީ ރައީސް ޔާމީނުގެ އެކަނި ނޫންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީވެސް ހަމަ އެ ފަނޑިޔާރުންނަށެވެ.

އިސްތިއުނާފީ ހާލަތުގައި އޮތް މައްސަލައެއް، ކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީއާ ހުރެ ކުރިއަށް ނުދިއުމާ، ރިޔާސީ އިންތިޚާބެއް ބޯމަތިވަމުން އަންނައިރު، މިފަދަ މައްސަލައެއް ޝަރުއީ މަރުހަލާގައި ކުރިއަށްދާއިރު، އެ މައްސަލަ ޚާއްސަ ސަމާލުކަމެއް ދީގެން ވަގުތު އޮއްވާ ނުނިންމުމުގެ ޒިންމާ ނަގާނޭ ފަރާތެއް މިހާރު ނެތެވެ. ޔާމީނަށް މަތީ ކޯޓުން އިންސާފުލިބުނު ނަމަ (އެއީ އޭނާގެ މައްޗަށް ކުށް ސާބިތު ވާނަމަ ވާކަން، ނުވަތަ ނުވާނަމަ ނުވާކަމަށް އިސްތިއުނާފުގެ އެންމެ ފަހު މަރުޙަލާގައި ނިންމާފައި އޮތްނަމަ) މިއަދު އެތަކެއްހާސް ރައްޔިތުންގެ ހައްގެއް ސުޕްރީމް ކޯޓުގެ ހުކުމަކުން ނިގުޅައިގަނެވިގެން ނުދިޔައީހެވެ.