ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭ ހާލަތެއްގައި ޕްރޮގްރެސިވް ކޯލިޝަނުން ނެރުމަށް ތައްޔާރުކޮށްފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑަސީ ފޯމް އިލެކްޝަންސް  ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މާލެ ސިޓީގެ މޭޔަރުކަންކުރައްވަމުން ގެންދަވާ، ކުރީގެ ހޯމް މިނިސްޓަރު މިފަހަރުގެ އިންތިޚާބުގައި ވާދަކުރާން ފޯމު ހުށަހަޅާފައި މިވަނީ، ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނޭ ކަމަށް، ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން އިންތިޚާބު ބޮއިކޮޓް ކުރުމަށް ޔާމީން އިރުޝާދު ދެއްވުމުން، އެކަމަށް އެ ކޯލިޝަންގެ ސެނެޓުން އެއްބަސް ނުވެ، ހޫނު ޒުވާބަކަށް ފަހުއެވެ. ފަހުން ޔާމީނުވެސް ވަނީ، ގޮތް ދޫކުރައްވައި، މުޢިއްޒަށް ތާޢީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ ގާނޫނީ ވަކީލު އަދި ޔާމީނުގެ މިފަހަރުގެވެސް ރަނިންގމޭޓަކަށް ހަމަޖެއްސެވި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ، "އެންމެ ރަނގަޅު ގޮތަކީ ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު ވާދަކުރުން،" ކަމަށާއި ޕީޕީއެމް/ޕީއެންސީ ސެނެޓްގެ ވިސްނުމާ އެއްގޮތަށް "ޔާމީން ވަނީ އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުކުރައްވާފައި،" ކަމަށެވެ.

ޑރ. މުޢިއްޒުގެ ރަނިންގމޭޓަކަށް ހަމަޖައްސާފައި ވަނީ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު (ސެމްބެ) އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު މެންދުރުފަހު 14:00އަށް ހަމަވާނެއެވެ.