އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބާއްވާން ހަމަޖެހިފައިވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިޢުލާނުކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު މިފަހަރުގެ އިންތިޚާބުގައި ވާދަނުކުރައްވާން ނިންމަވައިފިއެވެ.

އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުން މުނައްވަރު ދޫކޮށްލެއްވީ، މިހާރު ރާއްޖޭގެ މާހައުލު އޮތްގޮތުން އޭނާ ބޭނުންފުޅުވާ ފަދަ ސިޔާސަތުތަކެއް ރައްޔިތުންނާ ހަމައަށް ގެނެވޭނެފަދަ ސިޔާސީ މާހައުލެއް ގާއިމުވެފައި ނެތުމުން ކަމަށެވެ.

މިހާރު އިންތިޚާބުގައި ވާދަކުރާން ނިންމާފައިވާ ފަރާތްތަކުގެ އެއްވެސް ސީރިއަސް ކަމެއް ނުފެންނަ ކަމަށާއި، ކުރާން މިއުޅެނީ ކުޅޭކުޅޭ މަސައްކަތްތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުނައްވަރަކީ، ޗާގޯސް މައްސަލައިގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ޢަމަލުކުރި ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަދި އޭގެ ސަބަބުން ރާއްޖޭން ގެއްލިގެން ދިޔަ ސަރަހައްދު ހޯދުމަށާއި ރާއްޖެއަށް ލިބުނު ބޮޑު ގެއްލުން އިއާދަކުރާން ވަރަށް ބޮޑަށް ވަކާލާތުކުރެއްވިބޭފުޅެކެވެ. އަދި އޭނާ އިންތިޚާބުގައި ވާދަކުރެއްވުމުގެ މަގުސަދުގެ ތެރޭގައިވެސް މިކަންތައް ވަރަށް ބޮޑަށް ހިމެނެއެވެ.