ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި، އެމްއެންޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ އެޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކެންޑިޑަސީ ފޯމު އެ ކޮމިޝަނުން ބަލައިގެންފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ، 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި، އޮނަރަބްލް މުޙައްމަދު ނާޒިމްގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، މި ދެބޭފުޅުންވެސް ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅުންކަމަށް ބަލައި، އެބޭފުޅުން ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިރޭ ޤަބޫލު ކޮށްފައިވާ ކަމަށެވެ.

ރައީސް އިބްރާހީމުގެ ރަނިންގމޭޓަކަށް މިފަހަރު ހަމަޖައްސާފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ނާޒިމްގެ ރަނިންގމޭޓަކަށް ހަމައްސާފައި ވަނީ، އައްޑޫ ސިޓީއަށް ނިސްބަތްވާ، ޑރ. އަހުމަދު އަދީލް ނަސީރެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމްގެ ފަރާތުން އީސީއަށް ހުށަހެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ އެ ކޮމިޝަނުން ވަނީ، ޔާމީންގެ ޝަރުތު ހަމަ ނުވާކަމަށް ބުނެ ބޭރުކޮށްލައިފައެވެ. އަދި، އެ މައްސަލަ ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުންވެސް ވަނީ އީސީގެ ނިންމުން ދަމަހައްޓައިފައެވެ.

ސެޕްޓެމްބަރ 9ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އައްޑޫ ސިޓީގެ ތާޢީދު ހޯދުމަށް ޕާޓީތަކުން ޚާއްސަ ސަމާލުކަމެއްދީފައި ވާއިރު، ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ ޓިކެޓް ދީފައި ވަނީ، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް، އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅޭނޭ އެންމެ ފަހު ތާރީޚަކީ އޯގަސްޓް 7 ވަނަ ދުވަހެވެ.