ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ރައީސް އިބްރާހީމްގެ ކެންޑިޑަސީ ހުށަހެޅުއްވީ އެމަނިކުފާނުގެ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒެވެ. އަރިހުގައި ކެމްޕޭން މެނޭޖަރު ރ. އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިންވެސް ވަޑައިގަތެވެ. އީސީގެ ފަރާތުން ފޯމާ ހަވާލެވަޑައިގަތީ މަސްލަހަތަށް ޓަކައި، ކޮމިޝަންގެ ބައެއް ހަރަކާތްތަކުން ފެނިވަޑައި ނުގަންނަވާ، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. އަރިހުގައި ކޮމިޝަންގެ ހުރިހާކަމެއް ބަލަހައްޓަވާ ނައިބު ރައީސް އިސްމާއީލް ހަބީބުވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް އިބްރާހީމުގެ ރަނިންގމޭޓަކަށް ހަމަޖައްސާފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ރައީސް އިބްރާހީމް ވެރިކަމުން ދުރުކުރާން އިދިކޮޅުން އިއްތިހާދެއް ހަދާން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެހެންކަމުން އެ ފަރާތްތަކުން ވަނީ، ވަކިވަކީން ވާދަކުރާން ނިންމައިފައެވެ.

ސެޕްޓެމްބަރ 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާން ފޯމު ހުށަހެޅުމުގެ މުއްދަތު ހޯމަދުވަހު 14:00އަށް ހަމަވާނެއެވެ.