ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހުރިހާ ދޮރެއް ބަންދުވުމާ ގުޅިގެން، އެ ޕާޓީން ބޭނުންނަމަ އިންތިޚާބު ބޮއިކޮޓް ކުރުމަށް ގޮވާލާފައި ވާތީ އެގޮތަށް އަމަލުކޮށްފި ނަމަ، އެންމެ ބޮޑު ފައިދާއެއް ކުރާނީ، ވާދަވެރިޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޚިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުކުމަކާއި ސާބިތު ދަރަންޏެއް އޮތްކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑަސީ ގަބޫލު ނުކުރުމުން، ޕީޕީއެމުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ 7 ފަނޑިޔާރުންގެ އިއްތިފާގުން ވަނީ، އީސީގެ ނިންމުން ރަނގަޅު ކަމަށް ބުނެފައެވެ. އެއާއެކު ރައިސް ޔާމީނަށް ވަނީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައެވެ.
ރައީސް ޔާމީން ނޯޓެއް މެދުވެރިކޮށް ޕީޕީއެމްގެ ސެނެޓަށް އެންގެވިކަމަށް ވަނީ، އެމަނިކުފާނުގެ އިންތިޚާބީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ، މިފަހަރުގެ އިންތިޚާބު ބޮއިކޮޓްކުރުމަށް އެދޭ ކަމަށެވެ.
މިއާ ގުޅުވައިގެން ރައީސް ނަޝީދު ވިދާޅުވީ، "އިންތިޚާބު ބޮއިކޮޓްކުރުމަކީ ރައީސް ޞާލިހަށް އެންމެ ފުރުސަތު ބޮޑުވާނޭ ގޮތް" ކަމަށާއި " ޕީޕީއެމްގެ ހުރިހާ ބޭފުޅުން މިކަމާމެދު އަދި އިތުރަށް ވިސް ނާލެއްވުމަށް ވަރަށް އެދެން" ކަމަށެވެ.
މީގެ ކުރީން ޕީޕީއެމްއާ އެންމެ ވާދަވެރި، ނަމަވެސް މިހާރު އެޕާޓީއާ އެއް އޮއިވަރެއްގައި މިސްރާބު ހިފާފައިވާ އެމްޑީޕީގެ ކުރީގެ ލީޑަރު ވިދާޅުވީ، ޕީޕީއެމްގެ މެންބަރުން އުންމީދު ނަގާ ނުލައްވައި ޑިމޮކްރެޓްސްއާ އެކު ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ﷲގެ އިރާދަފުޅާއެކު ކާމިޔާބު ވާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރީންވެސް އެތަކެއް ފަހަރު މަތީން ރައީސް ނަޝީދު ވަނީ، ރައީސް އިބްރާހީމްގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޕީޕީއެމްއާ ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރާން އެދިވަޑައިގެންފައެވެ.