ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީޕާޓީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ރަނިންގމޭޓަކަށް އެ ޕާޓީގެ ނައިބު ލީޑަރު ޑރ. އަމީން އިބްރާހީމް ހަމަޖައްސައިފިއެވެ. 

ޑރ. އަމީން އިބްރާހީމަކީ، ދައުލަތުގެ ތަފާތު ވަޒީފާތައް އަދާކުރައްވާފައިވާ، އަދި ރައީސް ޔާމީން ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހުގެ ސަރުކާރު ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ ޖޭޕީން ކެންޑިޑޭޓަކު ނެރެން ނިންމި ހިސާބުން ސަރުކާރާ ޤާސިމާ ދޭތެރޭގައި ވަނީ، ގުޅުން ހީނަރުވެފައެވެ. ނަމަވެސް ގާސިމްގެ އަނބިކަނބަލުން ނަހުލާ ހުންނެވީ އަދިވެސް މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާ ކާނަލް ނާޒިމްގެ މޯލްޑިވްސް ނޭޝަނަލް ޕާޓީންވެސް ވަނީ، ރައީސް އިބްރާހީމްގެ ވެރިކަން ނިމުމަކަށް ގެނައުމަށް، އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރޭގޮތަށް ޖޭޕީއާއެކު މަޝްވަރާކޮށްފައެވެ. ނަމަވެސް އެއްގަލަކަށް ނޭރި މިހާރު ހުރިހާ ޕާޓީތަކުންވެސް ވަނީ އިންތިޚާބުގައި ވާދަކުރާން ނިންމައިފައެވެ.