ސުޕްރީމް ކޯޓުން އާދީއްތަ ދުވަހު އިއްވި ހުކުމާއެކު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހުރިހާ ދޮރެއް ބަންދުވުމާ ގުޅިގެން، ޕީޕީއެމުން ބޭނުންވާ ނަމަ އިންތިޚާބު ބޮއިކޮޓްކުރާން އެމަނިކުފާނު އަންގަވައިފިއެވެ.

ރައީސް ޔާމީން ނޯޓެއް މެދުވެރިކޮށް ޕީޕީއެމްގެ ސެނެޓަށް އެންގެވިކަމަށް ވަނީ، އެމަނިކުފާނުގެ އިންތިޚާބީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ، މިފަހަރުގެ އިންތިޚާބު ބޮއިކޮޓްކުރުމަށް އެދޭ ކަމަށެވެ.

އިންތިޚާބު ބޮއިކޮޓްކުރުމުގެ އަޑުތައް ފެތުރުމާއެކު ޕްރޮގްރެސްވް ކޯލިޝަންތެރޭގައި ވަނީ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައެވެ. ސަބަބަކީ، ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއް އަތުވެއްޖެ ނަމަ، ޕީއެންސީގެ ފަރާތުން ވާދަކުރާން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒަށް ވަނީ ރިޔާސީ ޓިކެޓްދީ، އަދި އޭނާގެ ރަނިންގމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު (ސެމްބެ) ހަމަޖައްސައިފައެވެ.

ޕީއެންސީގެ ކެންޑިޑޭޓެއް ނެރެން ނިންމި ނަމަވެސް، ޕީޕީއެމުން ވަނީ ސުޕްރީމް ކޯޓުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައިއެ ޕާޓީއަށް ކެންޑިޑޭޓަކު ނެރޭން ފުރުސަތު ދޭންވެސް އެދިފައެވެ.