ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ފަރާތުން ހުށަހަޅާފައިވާ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑަސީ ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުން އިއްތިފާގު ވެއްޖެއެވެ. އެހެންކަމުން ރައީސް ޔާމީނަށް މިހާރު މިވަނީ އިންތިޚާބުގައި ވާދަކުރާން އޮތް ހުރިހާ ފުރުސަތެއް ބަންދުވެފައެވެ.

މިދިޔަ ހަފްތާގައި ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމު އީސީއަށް ހުށަހެޅުމުން، އެ ކޮމިޝަނުން ބުނެފައި ވަނީ،  "ރިޔާސީ އިންތިޚާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލުމަށް 2023 އޯގަސްޓް 1ގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މއ. ކާމިނީހުޅަނގުގެ" ފޯމިގައިވާ މައުލޫމާތާއި ތަކެތި އެކޮމިޝަނުން ބަލައި ޗެކްކުރިއިރު، "ޤާނޫނުއަސާސީއާއި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތްވާހަކަ،" އަންގާ ކަމަށެވެ.

މި މައްސަލަ ޕީޕީއެމްގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހެޅުމުން އެ ކޯޓުން، ހުކުރު ދުވަހު މެންދުރު ފަހު ކުރިއަށް ގެންދިޔަ 7 ގަޑިއެއްހާ އިރުގެ އަޑުއެހުންތަކުގައި، ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތުކޮށްފައި ވަނީ ގާނޫނުއަސާސީގައި އެ ބުނަނީ ނިހާއީ ނުވަތަ އިސްތިއުނާފް މަރުހަލާ ނިމި ނުވަތަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ނެތް ނުވަތަ އިތުރު ބަދަލެއް އައުމުގެ ފުރުސަތު ނެތް، ހުކުމެއްގެ ވާހަކަ ކަމަށާއި ޔާމީންގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވާތީ އަދި އެ ހުކުމް ބަދަލުވެދާނެ ކަމަށެވެ. އެހެންވެ ގާނޫނުއަސާސީގައި ބުނާ އިންތިހާބުތަކުގައި ވާދަކުރުމުގެ އަސާސީ ހައްގު ލިބެން ޖެހޭނޭ ކަމަށެވެ. މީގެ އިތުރުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލުހުކުމާ އެކު ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރަކީ ސާބިތު ދަރަންޏެއްގެ ގޮތުގައި ބެލުމަކީ ގާނޫނުއަސާސީ ގޯސްކޮށް މާނަކޮށްގެން ކުރިކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

އާދީއްތަ ދުވަހު ހެނދުނު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އިއްވި ހުކުމުގައި ވަނީ، ނިހާއީ ހުކުމެއް ނެތް ނަމަ ވެރިކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާނެ ކަމަށް ބުނެ ޔާމީންގެ ފަރާތުން ފާހަގަކުރި ކަންތައްތަކަކީ މި ހުކުމާ އަޅާކިޔޭނެ ދެ ގަޒިއްޔާ ނޫން ކަމަށެވެ. އެއީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ކުށް ސާބިތުވުމުން އޭނާ މެންބަރުކަމުގައި ދެމިހުންނާނެ ކަމާ މެދު އޮތް ސުވާލުގެ ވާހަކައެވެ.

"ކުރީ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަކީ މިހާރު ހުށަހެޅިފައިވާ ހާލަތަށް ތަތުބީޤުކުރުމުން ދެކޮޅުޖެހޭ، އެއް ނަތީޖާއެއް ނެރެވިދާނެ އުސޫލުތަކެއް ކަމުގައި ނުދެކެވޭ" ކަމަށް ހުކުމުގައިވެއެވެ.

ހަމަ އެހެންމެ، ޖިނާއީ އުގޫބާތެއްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއާ މެދު މަތީ މަރުހަލާގެ ކޯޓަކުން ވަކި ގޮތަކަށް އަންގާފައި ނުވާ ހާލަތެއްގައި، ކޯޓުން ކަނޑައަޅާފައިވާ ގޮތަށް އެ ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ ޖޫރިމަނާ ސާބިތު ދަރަންޏަކަށް ބަދަލުވެގެންދާނޭ ކަމަށްވެސް ސުޕްރީމްކޯޓުގެ ހުކުމްގައިވެއެވެ.

މި މައްސަލަ ނިންމާ ސުޕްރީމްކޯޓުގެ 7 ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމެވުމުގައި ވަނީ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގެ ބ އަދި ޅ ގައި ބުނާ ޝަރުތު ރައީސް ޔާމީންގެ ކިބައިން އުނިވެފައިވާކަމަށެވެ. ޤާނުނު އަސާސީގެ 109 ވަނަ މާއްދާގެ ބ ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރާ މީހެއްގެ ސާބިތު ދަރަންޏެއް އޮވެގެން ނުވާނެކަމަށެވެ. އެ މާއްދާގެ ޅ ގައި ބުނެފައިވަނީ ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހަކީ ޖިނާއި ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް މީހަކަށްވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހޭ ކަމަށެވެ.

މީގެ އިތުރުން، ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ ހިނދެއްގައި ޕީޕީއެމަށް ކެންޑިޑޭޓަކު ހުށަހަޅާން ވަގުތު ދޭން އެދުނު މައްސަލައަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ރިއާޔަތްކޮށްފައެއް ނުވެއެވެ.