ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ ރަނިންގމޭޓަކަށް އައްޑޫ ސިޓީއަށް ނިސްބަތްވާ، ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސައި ރަސްމީކޮށް އެކަން އިއުލާނުކޮށްފިއެވެ.

ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވަނީ އޭނާގެ ރަނިންގމޭޓް ރަސްމީކޮށް ދައްކާލައިފައެވެ.

އެ ރަސްމިއްޔާތުގައި ޑރ. އަދީލް ވިދާޅުވީ، ނާޒިމް ފަދަ "ޕޮލިޓިކަލް ޖަޔަންޓެއްގެ" ފަހަތުން މި ރިޔާސީ ރޭހުގައި ފުރުސަތު ލިބިވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި ކައްޓަށް ލެވުނުހާ ބާރެއްލައިގެން، ނާޒިމާއެކު ރާއްޖެ ބަދަލުކުރުމުގެ އެންމެ އިސްސަފުގައި މަސައްކަތްކުރާން އަޒުމު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ކާނަލް ރިޓަޔަރޑް ނާޒިމް ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި އޭނާގެ ޕާޓީއަކީ "އަންޑަރޑޯގް" ކަމަށާއި ނަމަވެސް، " އެންމެ ނިކަމެތި މީހާ ނުކުމެވެސް މަސައްކަތް މުރާލި ކަމާއެކު ކޮށްފިނަމަ" އެ މީހަކަށް ކާމިޔާބު ލިބޭކަމަށް ވިދާޅުވިއެވެ.

ސެޕްޓެމްބަރ 9ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އައްޑޫ ސިޓީގެ ތާޢީދު ހޯދުމަށް ޕާޓީތަކުން ޚާއްސަ ސަމާލުކަމެއް ދީފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރަނިންގމޭޓަކަށްވެސް ހަމަޖައްސާފައި ވަނީ، އައްޑޫ ބޭފުޅެއް ކަމަށްވާ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

މީގެ އިތުރުން، ރައީސް އިބްރާހީމާއި ރައީސް މުޙައްމަދު ނަޝީދުގެ ކޯޅުންގަނޑުގައި އެމްޑީޕީ ދެބައިވެ އުފެދުނު "ފިކުރެއްގެ ދިރުން" އެމްޑީޕީއާ ވަކިވެ އުފެއްދި އާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.