ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރެޖިސްޓްރީ ވުމުގެ މުއްދަތު ހޮނިހިރު ދުވަހު 22:00 އަށް ހަމަވާނެއެވެ. ގިނަ ސިޔާސީ ޕާޓީތަކުން މުއްދަތު އިތުރުކުރާން އެދުނުކަމުގައި ވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރީރެޖިސްޓްރޭޝަން ކުރުމަށް ދެން އިތުރު ފުރުސަތެއް ދެވެން ނެތްކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މުއްދަތު އިތުރު ކުރަން ޖެހޭ ސަބަބެއް މިހާރު ދެން އިތުރަށް އޮތް ކަމަކަށް ނުފެންނަ ކަމަށެވެ. ކުރިން މުއްދަތު ހަމަވާގޮތަށް އޮތީ ހޮނިހިރު ދުވަހުގެ ހަވީރު 16:00އަށެވެ ނަމަވެސް ފަހުން 22:00އަށް ވަގުތު ދިނެވެ.

އޭނާ ވިދާޅުވީ، ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިގެން އުޅޭތާ ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި ޕާޓީތަކުން ވެސް އެދޭނެ ކަމަށާއި އެކަމަކު މުއްދަތު އިތުރުކޮށްނުދެވޭނެ ޕާޓީތަކަށް އަންގާފައިވާނޭ ކަމަށެވެ.

ރީ-ރެޖިސްޓްރޭޝަނަށް އިތުރު ފުރުސަތެއް ދެވެން ނެތީ، އޭގެ ސަބަބުން އިންތިޚާބީ މަސައްކަތްތައް ބުރަވެ، ބުރޫއަރޭނޭކަމަށް ވާތީ ކަންވެސް އޭނާ ފާހަގަކުރައްވައެވެ.

އެހެން ފަހަރު ތަކާ ޚިލާފަށް މިފަހަރު އޮންލައިންކޮށް، ރީ-ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލިއެވެ. އަދި އެ ފުރުސަތު އޯގަސްޓް 2 އާ ހަމައަށް ގެންދިޔައެވެ.