ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ ރަނިންގމޭޓަކަށް އައްޑޫ ސިޓީއަށް ނިސްބަތްވާ، ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަވަން ނިންމަވައިފިއެވެ.

ނާޒިމްގެ ރަނިންގމޭޓަކަށް އައްޑޫ ސިޓީގެ އެކިއެކި ސްކޫލްތަކުގައި މަސައްކަތްކުރައްވާފައިވާ، އަދި ސްކޫލް މެނެޖްމަންޓްގެ ދާއިރާއިން ޕީއެޗްޑީ ހައްދަވާފައިވާ ޑރ. އަދީލް ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާނުކުރާނީ ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީން ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ.

ސެޕްޓެމްބަރ 9ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އައްޑޫ ސިޓީގެ ތާޢީދު ހޯދުމަށް ޕާޓީތަކުން ޚާއްސަ ސަމާލުކަމެއް ދީފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރަނިންގމޭޓަކަށްވެސް ހަމަޖައްސާފައި ވަނީ، އައްޑޫ ބޭފުޅެއް ކަމަށްވާ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

މީގެ އިތުރުން، ރައީސް އިބްރާހީމާއި ރައީސް މުޙައްމަދު ނަޝީދުގެ ކޯޅުންގަނޑުގައި އެމްޑީޕީ ދެބައިވެ އުފެދުނު "ފިކުރެއްގެ ދިރުން" އެމްޑީޕީއާ ވަކިވެ އުފެއްދި އާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.