ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި، ޕްރޮގްރެސިވް ކޯލިޝަންގެ ކުޑަޕާޓީ، ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާން ތައްޔާރުކުރާ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ ރަނިންގމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު (ސެމްބެ) ހަމަޖައްސައިފިއެވެ.
ޔާމީނު ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރުކަންވެސް ކުރެއްވި، ޕީޕީއެމްގެ ކުރީގެ ނައިބުރައީސް މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީ ޕްރައިމަރީގައި ވާދަކުރައްވާށެވެ. އެގޮތުން ޕީއެންސީގެ ނައިބު ރައީސް އަދި އުނގޫފާރު ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރާ ވާދަކުރައްވައި، އޭނާ ޕްރައިމަރީ ކާމިޔާބުކުރެއްވީ 2 ވޯޓުގެ ތަފާތުންނެވެ.
މުއިއްޒު އޭނާގެ އެކްސް (ޓްވިޓަރ)ގައި ލިޔުއްވާފައި ވަނީ، ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ "ބެކްއަޕް" ކެނޑިޑޭޓެއްގެ ގޮތުގައި ޕީ.އެން.ސީ ގެ ކެނޑިޑޭޓެއް ހޮވުމަށް ޕީއެންސީ ސެނެޓުގައި ބޭއްވުނު އިންތިޚާބުގައި އޭނާ ހޮވުމުން، ރަނިންގމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއްކަމުގައި ދެކޭ ކަމަށެވެ.
" އަޅުގަނޑުގެ ރަނިންގމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން. އެމަނިކުފާނަކީ، ޒުވާން، ތަޢުލީމީ، ޤާބިލް ޚިދްމަތްތެރިއެއް" މޭޔަރު ވިދާޅުވިއެވެ.
މުޢިއްޒު އިތުރަށް ވިދާޅުވީ " އަޅުގަނޑުގެ ދުޢާއަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން." ކަމަށެވެ.
މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ދީފައިވާއިރު، ރައީސް ޔާމީނާއި ޕީޕީއެމްގެ ފަރާތުން ވަނީ، ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއް މެދުވެރި ވެއްޖެ ނަމަ، ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭން ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައެވެ.