ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އިއްތިހާދުގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރަނިންގމޭޓަކަށް އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސަވައި އިސްތަށިފުޅުގައިވާ އެންމެ ބޮޑު މައްސަލައަށް ހައްލެއް ގެންނަވައިފިއެވެ.

ރައީސް އިބްރާހީމް މީގެ ކުރީން ވިދާޅުވެފައި ވަނީ ރަނިންގމޭޓަކު ހަމަޖެއްސުމަކީ އެމަނިކުފާނުގެ އިސްތަށިފުޅުގައި މިވަގުތު އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެގޮތުން "ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ."އޭ ވިދާޅުވިއެވެ.

ގިނަބަޔަކު، ޚާއްޞަކޮށް އެމްޑީޕީގެ ގިނަ ބަޔަކު ހީކޮށްގެން ތިބިގޮތާ ޚިލާފަށް ރައީސް އިބްރާހީމްގެ ރަނިންގމޭޓަކަށް އަސްލަމް ހަމަޖައްސަވައި، ރައީސް އިބްރާހީމް މިވަނީ މިވަގުތު އެމަނިކުފާނުގެ އިސްތަށިފުޅުގައި އޮތް އެންމެ ބޮޑު ރިހުމަށް ނިމުން ގެނުވައިފައެވެ. ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ، މިފަހަރުވެސް ރައީސްގެ ރަނިންގމޭޓަކަށް ހަމަޖައްސާނީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ކަމަށެވެ. މީގެ އިތުރުން، ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲއާއި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ނަންވެސް އެނބުރުނެވެ.

މައުލޫމާތު ލިބޭގޮތުން، ރައީސް އިބްރާހީމަށް ރަނިންގމޭޓަކު ކަނޑައަޅަން މިހާތަނަށް އެހާ އުނދަގޫފުޅުވެގެން އުޅުއްވީ، އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމުގެ ފޯމިއުލާގެ ދަށުން، މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒަށް އެފުރުސަތު ދެއްވާން ރައީސް ބޭނުންފުޅުވާތީއެވެ. ނަމަވެސް، މުއިއްޒު މިހާރު ވަނީ، ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ވާދަކުރައްވާން އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްކަން ކާމިޔާބުކުރައްވައި އިންތިޚާބުގައި ވާދަކުރައްވާން މަސައްކަތް ފައްޓަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ އަދި މިހާރު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރަކަށް ވެސް ހުންނެވި އަސްލަމަށް ރަނިންގމޭޓްކަން ހަމަޖައްސާފައި މިވަނީ، އައްޑޫ ސިޓީގެ ތާޢީދު ކޮންމެހެންވެސް ހޯއްދެވުން މަޖުބޫރު ދަނޑިވަޅެއްގައެވެ. އެހެނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ވުޖޫދުކުރުވައި، އެ ޕާޓީއާއިގެން މިފަހަރުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި އައްޑޫ ސިޓީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ނެރުމުން، އައްޑޫ ސިޓީގެ ތާޢީދު ވަރަށް ބޮޑުތަނުން އިބްރާހީމަށް ގެއްލޭނޭކަމަށް ސިޔާސީ މުފައްކިރުން ދަނީ ބުނަމުންނެވެ.