އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަގަށް ގޮވިކަމަށް ބުނެ، އަބުރުގެ ދައުވާކޮށް، ދެއަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވާފައިވާ އިންޑިއާގެ އިދިކޮޅު ލީޑަރު ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީގެ މައްޗަށް ދަށުކޯޓުން އިއްވާފައިވާ ޖަލުހުކުމް ފަސްކުރުމަށާއި އަދި އޭނާއަށް މަޖިލީހުގެ ގޮނޑި އަނބުރާ އިއާދަކުރާން އެގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އިންޑިއާގެ ދަށުކޯޓަކުން ރާހުލްއަށް ދެއަހަރުގެ ޖަލުހުކުމެއް އިއްވައި، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތާއެކުއޭނާގެ ގާނޫނުހަދާ މަޖިލީހުގެ ގޮނޑި ގެއްލުވާލި ހުކުމް އިއްވީ 2019 ވަނަ އަހަރުގެ މާޗުމަހު އިދިކޮޅު ޕާޓީން ބޭއްވި އެއްވުމެއްގެ ތެރޭގައި މޯދީއަށް ވަގަށް ގޮވިކަމަށް ބުނެއެވެ.

ހުކުރު ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ، ރާހުލްގާންދީ މޯދީއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ އޭގެ ޒާތުގައި ރަނގަޅު ވާހަކަތަކެއް ނޫންކަމަށް ވީ ނަމަވެސް، އެއާ ގުޅުވައިގެން އޭނާގެ މެންބަރުކަން ގެއްލޭގޮތަށް އެންމެ ބޮޑު އަދަބު ދޭންޖެހޭ ސަބަބެއް ސާފުނުވާ ކަމަށެވެ. އެހެންކަމުން، ދަށުކޯޓުގެ އެހުކުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ވަނީ އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު އިދިކޮޅު މައި ޕާޓީގެ ލީޑަރު، އަދި ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން އަދި އޭގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ މާމަ ދަރިކަލުން ކަމަށްވާ ރާހުލްއަށް އަނބުރާ ގާނޫނުހަދާ މަޖިލީހަށް އައުމުގެ ފުރުސަތުގެ އިތުރުން، އަންނަ އަހަރު ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރާންވެސް ފުރުސަތު ލިބިގެން ދިޔައީއެވެ. މިއީ، ތާއީދުގެއްލެމުންދާ ބޮޑުވަޒީރު މޯދީއާއި އޭނާގެ ސިޔާސަތު ތަންފީޒުކުރަމުންދާ ސަރުކާރަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށް ވާނެއެވެ.

މޯދީގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިންޑިއާގެ އިދިކޮޅު 26 ޕާޓީއަކުން އިންޑިއަން ނޭޝަނަލް ޑިވެލޮޕްމަންޓަލް އިންކްލޫސިވް އެލަޔަންސް "އިންޑިއާ"ގެ ނަމުގައި އިއްތިހާދެއް އެކުލަވާލައި މަސައްކަތް ފަށައިފައެވެ.

އަދި ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު އިދިކޮޅުން ދަނީ އެގައުމުގެ އެކި ކަންކޮޅުތަކުގައި އުފާފާޅުކޮށް، ރާހުލްއަށް މަރުހަބާ ކިޔަމުންނެވެ.