ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ބަލައި ނުގަތުމުން، ޕީޕީއެމްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިއަށް ގެންދާ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ފަށައިފިއެވެ.

ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނު އަސާސީގައި ބުނާ ޝަރުތު ކެންޑިޑޭޓެއްގައި ހުންނަން ޖެހޭ ޝަރުތު ހަމަނުވާކަމަށް ބުނެއެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން 1 އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

ނަމަވެސް ޕީޕީއެމުން ބުނެފައި ވަނީ، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ގާނޫނާ ޚިލާފުކަމަށެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވެސް ވިދާޅުވެފައި ވަނީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެނޑިޑެސީ ހުށަހެޅުވުއްވުމުން، ބަލައިނުގަންނަން އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ގަބޫލުކުރާ ގޮތުން ސުޕްރީމް ކޯޓުން އިންސާފު ލިބި، ރައީސް ޔާމީނަށް މިފަހަރުގެ އިންތިޚާބުގައި ވާދަކުރެވޭނެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ، "އިލެކްޝަން ކޮމިޝަނުން މިއަދު ރައީސް ޔާމީންގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅުއްވި ހުށަހެޅުން ބަލައި ނުގަންނަން ނިންމާފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނު އަސާސީން ކަނޑައަޅައިފައިވާ ދުސްތޫރީ އުޞޫލުތަކާ ޚިލާފަށްކަމާ މެދު އެއްވެސް ޝައްކެއްނެތް؛" ކަމަށެވެ.

އެގޮތުން "ބުނެވުނެ ކެންޑިޑަސީ ޤަބޫލުނުކުރުމަށް އިލެކްޝަންސް އިން ނިންމި ސަބަބަކީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުޠު ފުރިހަމަ ނުވުންކަމަށް ބުނެފައިވާއިރު، އެމާއްދާގެ އެ އަކުރުގައި ބުނެފައިވާ ޖިނާއީ ޙުކުމަކީ ތަންފީޒީ ބާރު ލިބިގެންވާ Executable ޙުކުމެއް ގެ ވާހަކަ ކަން ބުނެވުނު 109 ވަނަ މާއްދާގެ (ޅ) އަށް އެއްކޮށް ބެލުމުން އެނގޭ." ކަމަށާއި، "ޖިނާއީ ޙުކުމަކަށް ތަންފީޒީ ބާރު ލިބޭނީ އެ ޙުކުމެއް ނިހާއީ ޙުކުމަކަށް ވެގެން؛ ޙުކުމެއް ނިހާއީ ޙުކުމަކަށް ވާނީ ޢާންމު އުޞޫލެއްގެ ގޮތުން، އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތުން އެ ޙައްޤު ޞަރީޙަކޮށް ދޫކޮށްލުން، ނުވަތަ އިސްތިއުނާފު ކުރުމުގެ މުއްދަތުގައި އިސްތިއުނާފު ނުކުރުން، ނުވަތަ އިސްތިއުނާފުގެ ޝަރްޢީ އެންމެހައި މަރްޙަލާތައް ޙުކުމަށް ތާއީދުކޮށްގެން ނިމުން؛" ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، "ކަން މިހެން އޮތް އިރު އިލެކްޝަންސް ކޮމިޝަނުން ރ. ޔާމީން ތަންފީޒުކުރަމުންދާ ޙުކުމެއް އޮތްކަމަށް އެ ބުނާ ޙުކުމަކީ ޙަޤީޤަތުގައި އިސްތިއުނާފުކުރުމުގެ ސަބަބުބް ތަންފީޒު ކުރުން ޤާނޫނީގޮތުން ހުއްޓިފައިވާ ޙުކުމެއް، ޝަރްޢީ ނިޒާމުން ރ. ޔާމީން ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ޙުކުމް ތަންފީޒުކުރާ ޖަލެއްގައި ބަންދުގައި ބެހެއްޓުމަކީ، އެއީ ތަންފީޒުކުރަމުންދާ ޙުކުމެއްކަމަށް ބަލަންޖެހޭ ސަބަބެއް ނޫން!" ކަމަށެވެ.

ރައީސް ޔާމިނަށް ރިޔާސީ ރޭހުގައި ވާދަނުކުރެވޭ ހާލަތެއް މެދުވެރިވެދާނެތީ ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީން މިހާރު ވަނީ އިންތިހާބުގައި ވާދަކުރަން ނިންމައި، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިފައެވެ.