ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ އިންތިޚާބީ އޭޖެންޓަކަށް މި ސަރުކާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާޢީލް ޒަބީހު ހަމަޖައްސައިފިއެވެ.

އެމްއާރްއެމްގެ ފަރާތުން މިފަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރާން ނިންމާފައި ވާއިރު، 3000 މެންބަރު ހަމަ ނުވުމުގެ ސަބަބުން އެ ޕާޓީ އަދިވެސް އޮތީ، ގާނޫނީ ގޮތުން ސުވާލުއުފެދޭ މަރުހަލާއެއްގައެވެ. އެހެންކަމުން ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަ ނުކުރެވިއްޖެ ނަމަ، އަމިއްލަގޮތުން ވާދަކުރެއްވުމަށް ފާރިސް މިހާރު ވަނީ 1500 މީހުންގެ ތާޢީދުވެސް ހޯއްދަވައިފައެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނު ބުނާގޮތުން ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަނުކޮށް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާނަމަ ތާއީދު އޮތްކަން ހާމަކުރުމަށް މަދުވެގެން 1500 މީހުންގެ ތާއީދު ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ.