ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އިންތިޚާބީ އޭޖެންޓަކަށް އެ ޕާޓީގެ ކުރީގެ ރައީސް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު ހަމަޖައްސައިފިއެވެ.

ގާސިމްގެ އިސް ސިޔާސީ މުޝީރު ކަމާއި އިންތިޚާބީ އޭޖެންޓެއްގެ ގޮތުގައި އަލީ ހަމަޖައްސައި ލިޔުން ހަވާލުކުރި ނަމަވެސް، އޭނާގެ ކެމްޕޭން މެނޭޖަރާއި އަދި ރަނިންގ މޭޓް ކަނޑައެއް ނާޅައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި، ރައީސް އިބްރާހީމަށް ލިބިވަޑައިގެންނެވި ކީރިތިކުރެއްވޭ ވަރުގެ ހިތްދަތި އިހްސާސްތަކާއެކު އޭރު ވަޒީރުކަމުން ވަކިކުރެއްވި އަލީވަހީދަށް ޖެހިވަޑައިގަތީ ޖޭޕީވެސް ދޫކުރައްވައި އިނގިރޭސި ވިލާތަށް ވަޑައިގަންނަވާށެވެ. އަދި ދައުލަތުން އޭނާގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލިނަމަވެސް، އޭނާ އިނގިރޭސިވިލާތުން ގެނެވޭނެ ގޮތެއް ނެތިގެން ތިއްބާ، ޖިންސީ އަނިޔާގެ ޝިކާރައަށްވީ ފަރާތްތަކުން އެ މައްސަލަ އަނބުރާ ގެންދަން އެދުމުން ޕީޖީން ވަނީ އެ މައްސަލަ ކުރިއަށް ނުގެންދާ ގޮތަށް ފައިލްކޮށްފައެވެ. އެހިސާބުން އަލީ ވަހީދު ކުށުން ބަރީޢަވެ، އަލުން އެނބުރި ރާއްޖެ ވަޑައިގަތީއެވެ.

 

އަލީ އިންތިޚާބީ އޭޖެންޓަކަށް ހަމަޖެއްސުމަށް ފަހު ޤާސިމް ވިދާޅުވީ، " ޖޭޕީގެ ކުރީގެ ރައީސް އަދި ކުރީގެ  ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު، އަޅުގަނޑުގެ އިސް ސިޔާސީ މުޝީރު ކަމާއި އެކު، އަޅުގަނޑުގެ ކެންޕޭން އެޖެންޓްކަން ޤަބޫލު ކޮށް ސިޔާސީ މަސައްކަތަށް އެނބުރި ވަޑައިގެންނެވިކަމީ އަޅުގަނޑު ނުހަނު އުފާކުރާކަމެއް" ކަމަށެވެ.

އަދި "ޕާޓީއާއި، އަދި އަޅުގަނޑުގެ  ސިޔާސީ ކުރިމަގަށް ޢަލީ ވަހީދަކީ ނުހަނު މުހިންމު ދައުރެއް އަދާކުރެއްވޭނޭ ނުހަނު ޤާބިލު ބޭފުޅެއް ކަމާ މެދު ޝައްކެތް ނެތް" ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.