ޖަލުހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ކޮންގްރެސްގެ ލީޑަރު، އަދި ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭ ފުރުސަތު ނުލިބިއްޖެ ހާލަތެއްގައި އިންތިޚާބުގައި ވާދަކުރާން އެ ކޯލިޝަންގެ ކުޑަޕާޓީ، ޕީއެންސީން ތައްޔާރުވެއްޖެއެވެ.

ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރާން ނިންމީ، ރައީސް ޔާމީންގެ އިރުޝާދުގެ ދަށުންކަމަށް ވެއެވެ. އަދި އެ ޕާޓީގެ ފަރާތުން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނީ، މިހާރު ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކުރީގެ ޕީޕީއެމްގެ ނައިބު ރައީސް، އަދި މާލެ ސިޓީގެ މޭޔަރު ޑ. މުޙައްމަދު މުޢިއްޒާއި، ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ.

 

ޕީއެންސީގެ ސެނެޓުން ނިންމަވާފައިވަނީ ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެނޑިޑޭޓަކު ނެރުމަށެވެ. އެކަމަށް ބޭއްވި ސެނެޓުގެ ބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން ކެނޑިޑޭޓަކު ނެރުމަށް ތާއީދު ކުރެއްވީ 44 މެމްބަރުންނެވެ.

މި ނިންމުމާއެކު ޕީއެންސީގެ ޓިކެޓަށް ވަދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމުން އެކަމަށް ކުރިމަތި ލެއްވީ މުޢިއްޒާއި ޝަރީފެވެ.