ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓް އެޅުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ ހަވާލުކޮށްފިއެވެ.

އިންޑިއާގެ ކުންފުނިތަކާ ހަވާލުކޮށްގެން ހަދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް ދާލެއް ލަސްވުމާއި ބައެއް މަޝްރޫއުތައް ނުނިންމާ ކަމުގެ ޝަކުވާވެސް ރައްޔިތުން ކުރަމުން ދާ ދަނޑިވަޅެއްގައި، އަނެއްކާވެސް އިތުރު 4000 ހައުސިންގ ޔުނިޓް އަޅަން މިފަހަރު ހަވާލުކުރި ކޭޕީއައިއެލްއަކީ، މަކަރާ ހީލަތް ހެދުމުގެ ސަބަބުން ދުނިޔޭގެ މާލީ އިދާރާ، ވޯލްޑް ބޭންކުން 2020 ވަނަ އަހަރު ފިޔަވަޅު އަޅާފައިވާ ކުންފުންޏެކެވެ. އަދި އެއާއި އެކު އޭޝިއާ އަދި ޔޫރަޕުގެ އެހެން ބައެއް މާލީ އިދާރާތަކުންވެސް އެ ކުންފުންޏަށް ފިޔަވަޅު އެޅިއެވެ.

މަޝްރޫޢު ހަވާލުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރުއެވެ. ކޭޕީއައިއެލްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކަންޓްރީ ހެޑް ސަރުވަޖީތު ސިންގއެވެ.

މި މަޝްރޫޢު ހަވާލުކޮށްފައި ވަނީވެސް 4000 ޔުނިޓްގެ މަސައްކަތް ދިގުދަންމާލާގޮތަށް ދެ ފިޔަވައްސަކަށް ކުރިއަށް ގެންދާ ގޮތަށެވެ.

މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ 2000 ހައުސިން ޔުނިޓަކީ 3 ކޮޓަރީގެ 1400 ޔުނިޓާއި 2 ކޮޓަރީގެ 600 ޔުނިޓެވެ. މިހައުސިންގ ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 37 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 165 މިލިއަން ޑޮލަރު ޚަރަދުވެއެވެ.

ކޭޕީއައިއެލްއިން މިހާރުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.