ކޮންމެ ގައުމެއްގައިވެސް ތަފާތު އެކިއެކި މައްސަލަތައް ހުންނާނެކަމަށާއި ރައްޔިތުންގެ މެދުގައި ހުންނައެފަދަ ތަފާތު އެކިއެކި ކަންތައްތައް ހައްލުކޮށް ހިމާޔަތްކުރެވިފައިވާ ވެއްޓެއް ގާއިމުކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ އެއް ބަޔަކީ ފުލުހުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ދިވެހި ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކޮންމެ ގައުމެއްގައިވެސް ތަފާތު އެކިއެކި މައްސަލަތައް ހުންނާނެ، ރައްޔިތުންގެ މެދުގައި ތަފާތު އެކިއެކި ކަންތައްތައް އަބަދުވެސް ހިނގާނެ އެގޮތުން އަޅުގަނޑުމެންނަށްވެސް ދުވަހުން ދުވަހަށް އިސްލާޙްކުރަންޖެހޭ ކަންކަން އަންނަނީ ކުރިމަތިވަމުން،" ނައިބު ވިދާޅުވިއެވެ.

 

އެމަނިކުފާނު ވިދާޅުވީ، "އެކަންކަން ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ފުލުހުން އަންނަނީ ކުރަމުން އަދި ޒުވާނުން މިކަންކަމުގެ ތެރެއަށް ނުވަދެ ގައުމަށް ހިދުމަތް ކުރުމުގެ ރޫހް އާލަން ކުރަންޖެހޭ" ކަމަށެވެ.

ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަކީ ޔުނީފޯމުގައި ތިބޭ ބަޔަކު އެކަނި ކުރަންޖެހޭ މަސައްކަތެއްކަމަށް ނުދެކި، ގައުމުގެ ތަރައްގީއާއި އަމާންކަން ބޭނުންވާނަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނަކަން ގަބޫލުކޮށް ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގައި އެންމެން މަސައްކަތްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ގައުމެއްގައި ފުލުހުންގެ ޚިދުމަތަކީ މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ގައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުންވާނީ އަމާންކަމާއި ހުރިހާ ރައްޔިތުން ހިމާޔަތްކުރެވިފައިވާ ވެއްޓެއް ގާއިމުވެފައި އޮތުންކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ފުލުހުންކަމަށް ވިދާޅުވިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމްގެ ވާހަކަފުޅުގައި އަސާސީ ތަމްރީންކޯސް ފުރިހަމަކުރި ފުލުހުންނަށް މަރުހަބާ ދެންނެވިއެވެ.