ސިޔާސީ އެކި ފަރާތްތަކަށް އެކްސްގައި ފާޑުކިޔަމުން އަންނަ މަޝްހޫރު "ޙަސަން ކުރުސީ"އަކީ ކާކުތޯ ބަލަން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން އަމުރެއް ނެރެދީފިއެވެ.

ފުލުހުން ބުނީ، "ކުރުސީ" އެކައުންޓް ހިންގަނީ ކާކުތޯ ބަލަމުން ދަނީ ރައްޔިތުން މަޖލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެކަމަށް މިހާރު ކްރިމިނަކް ކޯޓުން އަމުރެއް ނެރެދީފައި ވާ ކަމަށެވެ.

ހަސަން ކުރުސީގެ ނަމުގައި ޓްވިޓަރހޭންޑްލް (އެކްސްހޭންޑްލް) އެއް ހިންގަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި ކުރީން ގިނަ ބަޔަކަށް ހީވެފައި އޮތީ އަދި މިހާރުވެސް ހީކުރަނީ އެއީ ރައީސް ނަޝީދާ ގުޅުން އޮންނަ އެކައުންޓެއް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ކުރުސީއާ އެމަނިކުފާނާ ގުޅުމެއް ނެތްކަމަށް ވިދާޅުވެފައެވެ.

ޒަމާން ގަނޑަކަށް ފަހު ކުރުސީ ހޯދާން ފުލުހުން މިނުކުތީ، ރިޔާސީ އިންތިޚާބަށް ކުޑަތަން ވެފައިވާ މި ދަނޑިވަޅުގައި އެ އެކައުންޓް މެދުވެރިކޮށް ރައީސް އިބްރާހީމް މުޙައްމަދާއި ސަރުކާރުގެ ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުންގެ ސަމާލުކަމަށް ގެންނަމުންދާ ދަނޑިވަޅެއްގައެވެ.