ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ އިލެކްޝަން ކޮމިޝަނުން ބަލައިނުގަތުމަށް ނިންމި މައްސަލަ، ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން އިލެކްޝަން ކޮމިޝަނަށް ކެންޑިޑަސީ ހުށަހެޅުމުން އެ ކޮމިޝަނުން ޤަބޫލުނުކުރުމަށް ނިންމި ނިންމުމަކީ ސައްޙަ ނިންމުމެއް ނޫންކަމަށެވެ.
ޕީޕީއެމް ކޯލިޝަނުން ބުނީ، މި މައްސަލަ އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް، އަބްދުﷲ ޔާމީންގެ ކެނޑިޑަސީގެ ޞައްޙަކަން ކަށަވަރު ވެގެންދާނެކަމާމެދު އެ ކޯލިޝަނުން ޝައްކު ނުކުރާކަމަށްވެސް ބަޔާނުގައިވެއެވެ.
ޔާމީންގެ ފޯމު ގަބޫލު ނުކުރި ސަބަބެއް ކަމަށް އީސީން ބުނީ، "ޖިނާއީ ކުށެއް ސާބިތުގެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު ދުވަހު)ގެ ހުކުމެއް އައިސްވައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާކަން، ހުށަހަޅާފައިވާ ކުށުގެ ރެކޯޑްތަކަށް ބެލުމުން އެނގެން އޮންނާތީ، ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުޠު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ފުރިހަމަ ނުވުން" ކަމަށެވެ.
ރައީސް ޔާމީންގެ ކެނޑިޑަސީއާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތްކުރަމުންދާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅެއްގެ ކެނޑިޑަސީއާ ގުޅޭ މައްސަލައެއް ހުށަހެޅިއްޖެނަމަ 7 ދުވަސް ތެރޭގައި އެ މައްސަލައާމެދު ވަކި ގޮތެއް ނިންމަވަންޖެހެއެއެވެ.