ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމު ބަލައި ނުގަތުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، "ރިޔާސީ އިންތިޚާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލުމަށް 2023 އޯގަސްޓް 1ގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މއ. ކާމިނީހުޅަނގުގެ" ފޯމިގައިވާ މައުލޫމާތާއި ތަކެތި އެކޮމިޝަނުން ބަލައި ޗެކްކުރިއިރު، "ޤާނޫނުއަސާސީއާއި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތްވާހަކަ،" އަންގާ ކަމަށެވެ.

ޔާމީންގެ ފޯމު ގަބޫލު ނުކުރި ސަބަބެއް ކަމަށް އީސީން ބުނީ، "ޖިނާއީ ކުށެއް ސާބިތުގެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު ދުވަހު)ގެ ހުކުމެއް އައިސްވައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާކަން، ހުށަހަޅާފައިވާ ކުށުގެ ރެކޯޑްތަކަށް ބެލުމުން އެނގެން އޮންނާތީ، ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުޠު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ފުރިހަމަ ނުވުން" ކަމަށެވެ.