ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައި ނުގަންނަވާނެ ކަމަށާއި، އަދި މީޑިއާތަކަށް ރައީސް އޮފީހުން ފައިސާ ޚަރަދުކޮށްގެން ރައީސް ނަޝީދާ ގުޅޭގޮތުން ދޮގު ޚަބަރުތައް ފަތުރާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "މިހާރު"ގައި "ރައީސް ކާމިޔާބުކޮށްފި ނަމަ އެއީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގެ ނިމުން" ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ބުނާ ޚަބަރެއް ޓެގްކުރައްވައި ރައީސް ނަޝީދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، " މިއީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ "މިބަވަތުގެ އެއްވެސް ވާހަކައެއް އަޅުގަނޑު ނުދައްކަން" ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ރައީސް ޞާލިހަށް މި އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ އަދި އަޅުގަނޑުގެ ސިޔާސީ ޙަޔާތް ބިނާކުރަނީ ރައީސް ޞާލިހާ ގުޅިގެން ނޫން،" ކަމަށެވެ.

މީގެ އިތުރުން "މިއީ ރައީސް އޮފީހުން ފައިސާ ޚަރަދުކޮށްގެން ފޮނުވާ ދޮގު ޚަބަރު" ކަމަށްވެސް ރައީސް ޞާލިހާ ޚިޔާލުތަފާތުވެ، ސަރުކާރާއި އެމްޑީޕީވެސް ދޫކޮށް، މުޅިން އާ ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން ހުންނެވި ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރީންވެސް މީޑިއާތަކަށް ރައީސް އޮފީހުން ނުފޫޒު ފޯރުވާ ވާހަކަ އިދިކޮޅު ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ދައްކަމުންނެވެ. އަދި، ރައީސް ނަޝީދު މި ޚަބަރު ދޮގުކުރައްވައި އެމަނިކުފާނުގެ އެކްސްގައި ޖެއްސެވުމުން "މިހާރު" ނޫހުގައި ކުރިން ޝާޢިއުކޮށްފައިވާ ޚަބަރު ވަނީ "ގެއްލިފައި"ކަން ފާހަގަކޮށްލެވެއެވެ. އެ ޚަބަރުގެ ލިންކަށް ދިއުމުން "ހޯއްދަވަން އުޅުއްވި ސަފުހާ ނުފެނުނު!" ކަމަށް ދައްކައެވެ.