ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ޔާމީންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކެންޑިޑަސީ ފޯމާމެދު ގޮތެއް ނިންމާއިރު، އީސީގެ 4 މެންބަރުން ވަކިފަރާތެއްގެ ނުފޫޒުގައި ނުޖެހި ގޮތް ނިންމަވާނޭކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ޔާމީންގެ އިންތިޚާބީ އޭޖެންޓް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

އީސީގެ ފަރާތުން އެކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙާބީބު ވިދާޅުވީ، މިއީ އިދިކޮޅު މައި ޕާޓީގެ ފޯމަށް ވުމުން، އީސީއަށް 48 ގަޑިއިރު ގޮތެއް ކަނޑައަޅާން އޮތް ނަމަވެސް، މިއަދު އިރު އޮއްސުމުގެ ކުރީން ފޯމާ މެދު ގޮތެއް ނިންމާނޭ ކަމަށެވެ.

ޤާނޫނުއަސާސީގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި، ޖިނާއި ކުށެއް ސާބިތުވެގެން 1 އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

"ރައީސް ޔާމީންގެ ފޯމާއި މެދު  އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބެވި 4 މެންބަރުން ނިންމަވާ ކޮންމެ ނިންމެވުމަކީ ވެސް ޤައުމާއި ޤައުމުގެ އާބާދީއާއި އަންނަން އޮތް ޖީލުތަކުގެ މަސްލަހަތާއި ގުޅުން  ހުރި މުހިންމު ނިންމެވުމަކަށް ވާނެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމެވުމަކީ ޒިންމާދާރު، ނުފޫޒެއް ނެތި، މިނިވަން އިންސާފުވެރި އަދި ޢަދުލުވެރި ނިންމެވުމަކަށްވާނެ ކަމަށް އުންމީދު ކުރަން." މިއަހަރުގެ ރިޔާސީ އިންތިޚާބު ތަފާތު ބޮޑުކޮށް ރައީސް ޔާމީން ކާމިޔާބުކުރައްވާނޭކަން ފާހަގަކުރައްވައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.