ދަ ޑިމޮކްރެޓިކްސްއަށް ރާއްޖޭގެ ވެރިކަން ލިބިއްޖެ ނަމަ، އަނެއްކާވެސް ރާއްޖޭގައި ބާއްވަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާނޭ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ތާއީދު ހޯއްދެވުމަށް، އިލްޔާސް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު ވިދާޅުވީ، 2008ގައި ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރީންވެސް ވެރިކަމުގެ ނިޒާމާގުޅޭ ވޯޓެއް ނެގިކަމަށެވެ. ނަމަވެސް، އޭގެ ނަތީޖާއާ މެދު ރައްޔިތުން ދެކެނީ ޝައްކުގެ ނަޒަރަކުން ކަމަށާއި އެހެންކަމުން ޑިމޮކްރެޓްސްއަށް ވެރިކަން ލިބިއްޖެ ނަމަ، އަނެއްކާވެސް ރައްޔިތުންނަށް އެ ފުރުސަތު ދެއްވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ރައީސް މައުމޫނުގެ ދައުރުގައި މީގެ 15 އަހަރު ކުރިން ނެގި ނިޒާމީ ވޯޓާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ޚިލާފުތައް ނެތިކޮށްލުމަށް އަނެއްކާވެސް ރައްޔިތުންނަށް އޭނާ ފުރުސަތު ދެއްވާނޭ ކަމަށެވެ.

"އެ ބޭފުޅުން ބޭނުންވަނީ ކިހިނެތްތޯ ދެނެގަތުމަށް، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް،.. އެ ޖާގަ އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ގެންގޮސްދޭނަން،" ޑިމޮކްރެޓުންގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.