ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، އިދިކޮޅު މައި އިއްތިހާދު، ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެނޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، އިދިކޮޅު ލީޑަރުގެ ފަރާތުން އީސީއަށް ފޯމު ހުށަހަޅާފައި މިވަނީ، އެމަނިކުފާނަށް މިފަހަރުގެ އިންތިޚާބުގައި ވާދަކުރެވޭނޭކަން އަދި ކަށަވަރު ނުވާ ހާލުގައެވެ. ހައިކޯޓަށް ހުށަހަޅާފައިވާ ރައީސް ޔާމީނުގެ އިސްތިޢުނާފުގެ މައްސަލަ އޮތީ ފަނޑިޔާރުންގެ ޗުއްޓީއާ ހެދި ތާށިވެފައެވެ. އަދި އިންތިޚާބުގެ ހައްގުތައް ކަށަވަރުކުރާން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެ މައްސލައެއް ވަނީ ބަލައި ނުގަނެ ބޭރުކޮށްލައިފައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން އީސީއަށް ފޯމު ހުށަހެޅުއްވީ، ރައީސް ޔާމީންގެ އިންތިޚާބީ އޭޖެންޓް އަދި އެ ކޯލިޝަންގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލެވެ. އަދި ޔާމީންގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޖަމީލު އަޙްމަދާއި އެ ކޯލިޝަންގެ އިސް ފަރާތްތަކުން ފޯމު ހުށަހަޅަން އީސީއަށް ގޮސްތިއްބެވެ. އީސީގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އީސީގެ ފަރާތުން އެކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙާބީބު ވިދާޅުވީ، މިއީ އިދިކޮޅު މައި ޕާޓީގެ ފޯމަށް ވުމުން، އީސީއަށް 48 ގަޑިއިރު ގޮތެއް ކަނޑައަޅާން އޮތް ނަމަވެސް، މިއަދު އިރު އޮއްސުމުގެ ކުރީން ފޯމާ މެދު ގޮތެއް ނިންމާނޭ ކަމަށެވެ.

ޤާނޫނުއަސާސީގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި، ޖިނާއި ކުށެއް ސާބިތުވެގެން 1 އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.