އިންޑިއާގައި މިހާރު ވެރިކަންކުރަމުން އަންނަ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ބަލިކުރުމަށް، އިންޑިއާގެ އިދިކޮޅު 26 ޕާޓީއަކުން އިންޑިއަން ނޭޝަނަލް ޑިވެލޮޕްމަންޓަލް އިންކްލޫސިވް އެލަޔަންސް "އިންޑިއާ"ގެ ނަމުގައި އިއްތިހާދެއް އެކުލަވާލައިފިއެވެ.

އިދިކޮޅު އިއްތިހާދު ލީޑުކުރަނީ، ބީޖޭޕީގެ ޒަމާންވީ ވާދަވެރިޔާ އިންޑިއާން ނޭޝަނަލް ކޮންގްރެސްއިން އިންނެވެ. ޖުލައި 18 ވަނަ ދުވަހު ބެންގަލޫރުގައި އިދިކޮޅު އިއްތިހާދު އިފްތިތާހުކުރުމަށް ބޭއްވި ބައްދަލުވުމުގައި ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ، "އިންޑިއާ" އިއްތިހާދު ނުކުންނަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އޭނާގެ ތަފާތުކުރުން ބޮޑު ވިސްނުމާއި ސިޔާސަތުތަކާ ދެކޮޅަށް ކަމަށެވެ.

ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި، ރާހުލްގާންދީ ފައިމަގުގައި އިންޑިއާގެ ބޮޑު ސަރަހައްދެއްގައި ކުރިއަށް ގެންދެވި 136 ހިންގަވާލެއްވުމަކީ އިންޑިއާގެ އެންމެ ދުވަސްވީ، އަދި އިރެއްގއި އެންމެ މަގުބޫލު ސިޔާސީ ޕާޓީ ކޮންގްރެސްގެ ގެއްލިފައިވާ މަގްބޫލުކަން ރައްޔިތުންގެ މެދުގައި އިތުރުވެގެން ދިޔަ ސަބަބެކެވެ.

މިފަހަކަށް އައިސް ބޭއްވި އިންތިޚާބުތަކުގައި ކޮންގްރެސްއިން ދަނީ، އިންޑިއާގެ ބޮޑެތި ސަރަހައްދުތަކުގައި ބީޖޭޕީގެ މައްޗަށް ކާމިޔާބުތަކެއް ހޯދަމުންނެވެ. އެގޮތުން ކަރްނާޓަކާއާއި ހިމާޝަލް ޕްރަދޭޝްއިން ހިންދޫ ނޭޝަނަލިސްޓުންނަށް ވަނީ ނޫނެކޭ ބުނެ، ކޮންގްރެސްއަށް ބޮޑު ތާޢީދެއްކޮށްފައެވެ.

"އިންޑިއާ" އިއްތިހާދުގެ އިފްތިތާޙީ ބައްދަލުވުމުގައި ކޮންގްރެސްގެ ރައީސް މައްލިކުއަރްޖުން ވިދާޅުވީ، މި އިއްތިހާދުގެ މައިގަނޑު މަގުސަދަކީ، ހުރިހާ ފަރާތެއް ގުޅިގެން އިންޑިއާގެ ގާނޫނުއަސާސީއާއި ޑިމޮކްރަސީ ހިމާޔަތްކުރުން ކަމަށެވެ.

މޯދީގެ ހިންދޫންނަށް އިސްކަންދޭ ސީ ޔާސަތުގެ ދަށުން، މިފަހަކަށް އައިސް އިންޑިއާގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް އުފެދެމުންނެވެ. އެގޮތުން، މުސްލިމުންނާއި އަދިވެސް އެނޫން ދީންތަކުގެ މީހުންނާމެދު ހިންދޫ ހަރުކަށި ފަރާތްތަކުން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން މޯދީއާއި އޭނާގެ ސިޔާސަތުތަކަށް ގިނަ ބަޔަކުތިބީ ވަރަށް ބޮޑަށް ނުރުހުންވެފައެވެ.

މީގެ އިތުރުން އިންޑިއާގެ އިގްތިޞާދު ހީނަރުވުމާއި، ވަޒީފާނެތް މީހުންގެ އަދަދު މިއިން ޒަމާނަކު އިތުރުވެފައި ނުވާވަރަށް އިތުރުވެފައިވާކަން އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.

އިދިކޮޅު އިއްތިހާދުގައި ބައިވެރިވި ބޮޑެތި ޕާޓީތަކުގެ ތެރޭގައި، ބިހާރާއި އިރުމަތީ ޖަރްޚަންދުގައި އެންމެ ނުފޫޒުގަދަ ޕާޓީތައް ކަމަށްވާ ޖޭޑީޔޫ، އާރްޖޭޑީ އަދި ޖޭއެމްއެމް ފަދަ ޕާޓީތައް ހިމެނެއެވެ.

މިހާރު 26 ޕާޓީއާއެކު މި ހަރަކާތް ފެށި ކަމުގައިވީ ނަމަވެސް، ކުރިއަށް އޮތްތާނގައި މި އަދަދު ބޮޑުތަކުން އިތުރުވެގެންދާނޭކަމަށް އިންޑިއާގެ ސިޔާސީ މަސްރަހް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.