ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރޭން ޏ. ފުވައްމުލައް ސިޓީއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ބައެއް މަޝްރޫޢުތައް އިފްތިތާހުކޮށްދެއްވައިފިއެވެ. އޭގެ ތެރޭގައި ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، އެ ސިޓީގެ ދޫޑިގަން އަވަށުގެ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުން ހިމެނެއެވެ.

ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަޝްރޫޢުކުރިޔަށް ގެންގޮސްފައި ވަނީ، އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެންނެވެ. ދިރާސީ އައު އަހަރު ފެށޭއިރު މިޢިމާރާތް ބޭނުން ކުރަން ފެށޭނެއެވެ.

ފުވައްމުލައް ސިޓީ ދޫޑިގަން އަވަށުގައި ސަރުކާރުން ތަރައްޤީކޮށްދެއްވި ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއް ނެތި، އަތޮޅުތަކުގެ ތަރައްގީއަށް މި ސަރުކާރުން ބޮޑު ހޭދައެއް ކުރައްވާކަން ރައީސް ފާހަގަކުރައްވައެވެ. އެގޮތުން ސަރުކާރުން މިފަހަކަށް އައިސް އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ހިންގި ފާހަގަކުރެވޭ މުހިއްމު ބިޔަ މަޝްރޫޢުތަކުގެ ތެރޭގައި މަލްޓިޕާރޕަސް ހޯލާއި ފުޓްބޯޅަ ދަނޑުތައް ހިމެނެއެވެ.