ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ޒަޢާމަތަށް ގެންނެވުމުގެ މަސައްކަތް، އެންމެން ގުޅިގެން އާ ޖޯޝެއްގައި ފެށުނަމަށް އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޖަލީލް އަޙްމަދު ގޮވާލައްވައިފިއެވެ.

ރައީސް ޔާމީންގެ އެންމެ ފުރަތަމަ ރަނިންގ މޭޓުކަންވެސް ކުރެއްވި ޑރ. ޖަމީލަށް ދެވަނަ ފަހަރަށް ވެސް މިއަދު ވަނީ އެ މަގާމު ދެއްވައިފައެވެ. އަދި ޑރ. ޖަމީލު ވަނީ ޢިޚްލާސްތެރިކަމާއެކު ދެވަނަ ދައުރެއް ކާމިޔާބުކުރާން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނޭކަމަށްވެސް ވިދާޅުވެފައެވެ.

"ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް އަޅުގަނޑު އިޚްތިޔާރު ކުރެއްވީތީ އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި، މި ފުރުޞަތުގައި ޕާޓީގެ ލީޑަރޝިޕާއި ސެނެޓަރުންނާއި ޢާންމު މެންބަރުން ކުރައްވާ އިތުބާރަށް ވެސް ޝުކުރު އަދާކުރަން،" ކުރީގެ ނައިބު ރައީސް ކުރެއްވި އެކްސްއެއްގައި ވިދާޅުވިއެވެ.

"އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތަށް ގެންނެވުމުގެ މަސައްކަތް ފަށަމާ ހިންގަވާ."

ރައީސް ޔާމީން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ޑރ. ޖަމީލަކީ ރައީސް ޔާމީނުގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމުގެ އެންމެ އިސްކޮށް ހުންނެވި ފަރާތެވެ.

ޑރ. ޖަމީލު ވިދާޅުވީ، "އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް މި އިންތިޚާބު ރައީސް ޔާމީންއަށް ކާމިޔާބުކޮށްދެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން އަރުވަން." ކަމަށެވެ.