ދިވެހި ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްކަމެއްގެ ތެރޭގައި ކަމަށާއި ރާއްޖޭގައި މިހާރު އިޚްލާސްތެރި ސިޔާސީ ލީޑަރުން ތިބިކަމަށް ރައްޔިތުން ގަބޫލުނުކުރާކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމްގެ ސިޔާސީ ތަޞައްވަރު ޕްރޮމޯޓްކުރައްވަމުން، ވަގުތު ޓީވީގެ "ތަފްސީލީ" ޕްރޮގްރާމުގައި ދުންޔާ ވިދާޅުވީ، ކުރީގެ ސަރުކާރުތަކާ އަޅައި ބަލާއިރު، ރައީސް އިބްރާހީމްގެ ސަރުކާރުގައި ކޮރަޕްޝަން ގިނަވެ ޢަދުލު އިންސާފާއި މިނިވަންކަންވެސް ރައްޔިތުންނަށް ގެއްލިފައިވާ ކަމަށެވެ.

އިންތިޚާބެއް ކައިރިވެގެން އަންނަ އިރު، އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ވެސް އޮތީ މައްސަލަތައް ކަމަށާއި، ސަރުކާރުން ރައްޔިތުންނަށްވީ ގިނަ ވައުދުތައް ވެސް ނުފުއްދާ ކަމަށާއި އެހެންކަމުން ރައްޔިތުން މިހާރު ސިޔާސީ މީހުން ދައްކާ ވާހަކަތައް ގަބޫލު ނުކުރާހާލަތަށް ގައުމު ވެއްޓިފައިވާ ކަމަށް އޭނާ ރައީސް ޔާމީން ސަރުކާރުގެ ފޮރިން މިނިސްޓަރުކަންވެސް ކުރެއްވި ދުންޔާ ވިދާޅުވިއެވެ.

"ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. އަސްލު މިހާރު ރައްޔިތުން ޤަބޫލެއް ނުކުރޭ ރާއްޖޭގައި އިޚްލާސްތެރި ސިޔާސީ ލީޑަރުން ތިބި ކަމަކަށް." ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނާޒިމާއެކު އޭނާ ނުކުމެ ހުންނެވީ، ނާޒިމަކީ ރާއްޖޭގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަތައް ކަމަށްވާ ބޯހިޔާވެހިކަމާއި މަސްތުވާތަކެތީގެ މައްސަލަވެސް ހައްލުކުރެވޭނޭ ލީޑަރުކަމަށްވާތީ ކަމަށެވެ.