މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ، "ހައުސް އޮފް ދަ ޑިމޮކްރެޓްސް"ގައި އެޕާޓީގެ ޒުވާން އެކްޓިވިސްޓް ފާޠިމަތު ޙަމްދާ މުޙައްމަދު ދެއްކި ވާހަކަތަކަށް ގިނަބައެއްގެ ސަމާލުކަން ލިބުނެވެ. ބައެއް ފަރާތްތަކުން ހަމްދާގެ އެ ވާހަކަތަކަށް ވަރަށް ބޮޑަށް ތަޢުރީފްކޮށް ވާހަކަ ދެއްކިއިރު އަނެއް ބަޔަކު ދިޔައީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން، ސޯޝަލް މީޑިއާގައާއި އަދި އެނޫންގޮތްގޮތަށްވެސް ހަމްދާއާ މުޢާމަލާތްކުރެވޭ ހުރިހާ ޕްލެޓްފޯމުތަކެއްގައިހެން މި ވާހަކަތައް އެކި ގޮތްގޮތަށް އެބަ ދެކެވެއެވެ.  

ޙަމްދާގެ ވާހަކަތަކަށް ގިނަބަޔަކު ޝައުގުވެރިވީ، ބޯހިޔާވަހިކަމާއި އަދި ޒުވާނުންގެ މާލީހާލަތު އޭނާ ކިޔައިދިން ގޮތުންނެވެ.

ރާއްޖޭގޭ ހާލަތާއި ޒުވާނުންގެ ވާހަކަ ފަށަމުން ހަމްދާ ބުނީ، "ހަމްދާއަކީ ޒުވާނެއް" ކަމަށެވެ. ނަމަވެސް ހަމްދާގެ އަޑުން އިވިގެންދާނެ ވާހަކަތަކަކީ ހަމައެކަނި ހަމްދާގެ ވާހަކަ ނޫން ކަމަށާއި މިއީ "މި ގައުމުގެ ގިނަ ޒުވާނުންގެ އުދާސްތަކާއި ކަންބޮޑުވުންތައް،"  ކަމަށެވެ.

ދެން އޭނާ ބުނީ ދިވެހި ޒުވާނުންގެ މެންޓަލް، ފިޒިކަލް، އިމޯޝަނަލް، ސައިކޮލޮޖިކަލް އަދި ފައިނޭޝަލް ސްޓެބިލިޓީއެއް އެއްވެސް ގޮތަކަށް ނެތްކަމަށެވެ. ދިރިއުޅުމުގެ ވައްޓަފާޅި އޮތް ގޮތުން، އާއިލާތައް ރޫޅިއްޖެކަމަށެވެ. ކާމިޔާބު ގުޅުމެއް ނުވަތަ ކައިވެންޏެއް ދަމަހައްޓާނޭ ނަފްސާނީ ގާބިލިއްޔަތުކަމެއް ޒުވާނުންގެ ކިބައިގައި އަމުދުން ނެތްކަމަށެވެ.

އާމްދަނީ ހޯދުމަށް ޒުވާނުންނަށް 24 ގަޑިއިރުވެސް މަދުކަން ސިފަކޮށްދެމުން ހަމްދާ ބުނެފައިވަނީ، ހުރިހައި މަސައްކަތެއް ކުރަމުން، 3 ހަތަރު ވަޒީފާ އަދާކޮށްގެން، އަދި ފްރީލާންސްކޮށް ވެސް ކުރާ މަސައްކަތުން ލިބޭ ފައިސާކޮޅު ދިރިއުޅުމުގެ ޚަރަދުބަރަދަށް ކަނޑާލާއިރު، " އަޅުގަނޑުމެން މިތިބެނީ އަވަދިވެފައި އެނގޭތޯ. އަވަދިވެފައި،" ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، މިހުރިހާ މަސައްކަތެއް ކޮށްފައިވެސް ޒުވާނުންގެ އަދުގެ ހާލަތަކީ " ވޭލާއިން އަގުހެޔޮ ރީތި ހެދުމެއް ލައިގެން، ދިރާގުން އިންސްޓޯލްމެންޓަށް ސެމްސަންގް އެސް 22 އަލްޓްރާއެއް ނަގައިގެން އުޅުން" ފަދަ ކޮންމެ ދުވަހަކު ކުރާ ބޮޑު ހަނގުރާމައެއް ގޮތަށް ދިރިއުޅުން ސިފަކޮށްދީފައެވެ. އަދި އަމިއްލަ ފައިދާއަށް ވުރެ ބޮޑަށް ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރާ ވެރިކަމެއް ބޭނުން ކަމަށްބުނެ  "ހެޔޮ ނުވާނެ މިކަން ހައްލުކޮށްދީ،" އާދޭހާއެކު އޭނާ ގޮވަމުން ދިޔައެވެ.

 

ހަމްދާގެ މިވާހަކަތައް އެއްބަޔަކަށް ވަރަށް ރަނގަޅުވީ އިރު، އަނެއްބަޔަކު އޭނާއަށް ފުރައްސާރަވެސް ކުރިއެވެ. އަދި ހަމްދާ މިހާރު މަސައްކަތްކުރަނީ ޕްރޮގްރާމް ކޮށް ވަކިބައެއްގެ ފިކުރު ޕްރޮމޯޓްކުރަން ދޫކޮށްލާފައިވާ މީހެއްގެ ގޮތަށްވެސް ސިފަކުރެއެވެ. އަދި ޑިމޮކްރެޓުންނަކީ އެމްޑީޕީތެރޭން ބަޣާވާތްކުރި ބައެއްކަމަށާއި، ހަމްދާއަށް އެމީހުންނާއެކު މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ ޖަމިއްޔާއެއް ހަދައިގެން މަސައްކަތްކުރުން ނުވަތަ އެނޫން ފިކުރަކާއެކު މަސައްކަތްކުރުންވެސް ރަނގަޅުކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.

އެއަށް ރައްދުދީ ޒުވާން ޑިމޮކްރެޓް ބުނީ، އޭނާގެ ސްޕީޗާ ބެހޭގޮތުން ކުރެވޭ ބަހުސް ރަނގަޅުވާނީ ހުއްޓާލުން ކަމަށެވެ. އެހެނީ، އޭނާ އެދައްކަނީ ގޯސްކޮށް ހުރި ކަންތައްކެއް ރަނގަޅުކުރާން ބޭނުންވާތީ ދައްކާ ވާހަކަތަކެވެ. އަދި އޭނާގެ ވާހަކަ އެހެންގޮތަކަށް މާނާކުރާން ބޭނުން މީހަކަށް ކިތަންމެ ވަރަކަށް އެނޫންގޮތަކަށް އެކަން ބުނެދިނަސް އެމީހަކު އެކަން ގަބޫލުކުރާން ނެތިއްޔާ ދެން ކުރާނޭކަމެއް ނެތެވެ.

" ބުނަން، ރަނުން ހިލިހިލާ ޖަހާފައި ހުއްޓަސް ހިލިހިލާ ވާނީ ހިލިހިލާއަށް" ހަމްދާ ބުންޏެވެ. އެއްބަޔަކަށް އެއިން ކުރަނީ ރަނުގެ ފައިދާ ކަމަށާއި އަނެއްބަޔަކަށް އެއިން ކުރަނީ ހަމަ ހިލިހިލާގެ އަސަރުކަމަށް އޭނާ ބުންޏެވެ.

"މީގައި އެމީހަކު ވާހަކަ ދައްކާ ކޮޅަކުން ދޭހަވަނީ އެމީހެއްގެ ފަސްމަންޒަރު. މިއަށްވުރެ ސާދާކޮށް މިވާގޮތް ހަމްދާއަށް ކިޔައެއް ނުދެވޭނެ. އެހެންވީމަ ސްޕީޗްއާއި ބެހޭގޮތުން މިކުރެވޭ ބަހުސް ހުއްޓާލަމާ؟" ހަމްދާ އޭނާގެ އެކްސްގައި ލިޔެވައިވެއެވެ.