މިއަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނޭކަން ޢިއުލާނުކުރައްވާފައިވާ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންގ މޭޓަކަށް 2013 ވަނަ އަހަރުވެސް އެމަގާމު ފުރުއްވި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ހަމަޖައްސަވައިފިއެވެ.

ރައީސް ޔާމީން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ޑރ. ޖަމީލަކީ ރައީސް ޔާމީނުގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމުގެ އެންމެ އިސްކޮށް ހުންނެވި ފަރާތެވެ.

ޕީޕީއެމުން މިއަދު ބުނީ، "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފި." ކަމަށެވެ.

ރައީސް ޔާމީނުގެ އެންމެ ފުރަތަމަ ރަނިންގ މޭޓަށް ދެވަނަ ފުރުސަތެއް ދެއްވިއިރު، 2015 ވަނަ އަހަރު މި ދެބޭފުޅުންގެ ދެމެދުގައި ގުޅުންގޯސްވެ، މައްސަލަ ޖެހި، މަޖިލީހުގައި ޑރ. ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރި ހިސާބުންފެށިގެން، ޑރ. ޖަމީލް ވެގެންދިޔައީ އޭރު ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް، ރާއްޖޭން ބޭރުގައި ހުންނަވައިގެން އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ފަރާތަށެވެ. ނަމަވެސް، ފަހުން ރައީސް އިބްރާހީމްގެ ވެރިކަން ފެށި، ރައީސް ޔާމީނަށް އިއްވި ޖަލުހުކުމާއެކު އެމަނިކުފާނުގެ ދިފާޢުގައި އެންމެ ގަދައަށް ވަކާލާތުކުރައްވާ ބޭފުޅަކަށް ވެސް ވެގެން ދިޔައީ ޑރ. ޖަމީލުކަން ފާހަގަކޮށްލާން ޖެހެއެވެ.

ރައީސް ޔާމީން ދެވަނަ ދައުރެއް ދިފާޢުކުރެއްވުމަށް 2018 ވަނަ އަހަރު ކުރެއްވި ރިޔާސީ ދަތުރުގައި އެމަނިކުފާނުގެ ރަނިންގ މޭޓްކަން ކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.