މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު، ސޮއި ހޯއްދެވުމަސް މަސައްކަތް ފެއްޓެވިދާ ފަސް ދުވަހުގެ ތެރޭގައި އިންތިޚާބުގައި ވާދަކުރާން ބޭނުންވާ ޢަދަދަށް (1500) ސޮއި ހަމަކުރައްވައިފިއެވެ.

ޢުމަރު ވިދާޅުވީ، އޭނާގެ މަސައްކަތަށް ގިނަ ޢަދަދެއްގެ ރައްޔިތުން ތަރުޙީބުދެމުން އަންނަ ކަމަށާއި އެގޮތުން އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ 1500 ސޮޔަށް ވުރެ އިތުރަށްވެސް މިހާރުވެސް ސޮއި ލިބިފައިވާ ކަމަށެވެ. އެގޮތުން ފަސް ދުވަހުގެ ތެރޭގައި ޖުމުލަ 2000 ސޮއި ލިބިފައިވާއިރު، އަދިވެސް ގިނަ ބަޔަކު ސޮއިކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ، އޭނާ އިންތިޚާބަށް ނުކުންނަވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމުން ދުރުކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، އޭނާ ކުރައްވާ މަސައްކަތަކީ ގައުމުގެ މިސްރާބު ބަދަލުކުރައްވާން ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ.

ލިބެމުންދާ ބޮޑު ތަރުހީބާއެކު ޢުމަރުގެ ކެންޕޭން ހަރަކާތް މިހާރު، ބަދަލަކަށް މަސައްކަތްކުރާ ރައްޔިތުންގެ ޚަރަކާތަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވެފައި ވަނީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ އިސްލާމީ ޝަރީޢަތް މިތަނުގައި ފުރިހަމައަށް ތަންފީޒުކުރެވޭނެ ވަރުގެ ވެރިޔަކު އައިސްގެން ކަމަށާއި، އޭނާއަކީ އެފަދަ ވެރިޔަކަށް ވާނޭ ކަމަށެވެ. އަދި ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި އާއިލާއާއި ރަޙްމަތްތެރީން ސަރުކާރުގެ މަގާމުތަކަށް ނުގެންނާނޭ ކަމަށާއި، އޭނާގެ ވެރިކަމެއްގައި ދައުލަތް ހިންގާނީ އެކަމަށް އެންމެ ގާބިލް، ގާނޫނުތަކާއި ޤަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރެވޭވަރު ބަޔަކު ލައިގެން ކަމަށެވެ.