ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވި ހަމަ އެކަނި ކެނޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންމަރު އިލްޔާސް ލަބީބަށް ރިޔާސީ ޓިކެޓް ދިނުމަށް އެޕާޓީގެ ޕްރައިމަރީގައި ވޯޓްލީ މީހުންގެ 94.94 އިންސައްތަ ތާޢީދުކޮށްފިއެވެ.

ހުކުރު ދުވަހު ބޭއްވި މި ރިޔާސީ ޕްރައިމަރީގައި ޑިމޮކްރެޓްސްގެ 3203 މެންބަރަކު ވޯޓު ދީފައިވާއިރު، އޭގެތެރޭން 3041 މެންބަރުން ވަނީ އިލްޔާސަށް ތާޢީދުކޮށްފައެވެ. އަދި 153 މެންބަރަކު ނުފެންނަ ކަމަށް ވޯޓުލާފައިވާއިރު ބާތިލް ވޯޓުގެ އަދަދަކީ 9 ވޯޓެވެ.

ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ޕާޓީގެ ޕްރައިމަރީއަށް އެންމެ ފަރާތަކުން ނަން ހުށަހަޅައިފިނަމަ، ފެންނަ ނުފެންނަ ވޯޓެއްގައި ޕާޓީގެ މެމްބަރުންގެ 10 އިންސައްތަ ވޯޓު ލިބިގެން ރިޔާސީ ޓިކެޓް ހޯދޭނެއެވެ.

ޑިމޮކްރެޓްސްއިން ވަނީ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ޕްރައިމަރީ ބާއްވާއިރު އެހާތަނަށް ޕާޓީއަށް ވަނުމަށް ފޯމުހުށަހަޅާ ހުރިހާ ފަރާތްތަކަށް ވޯޓުދިނުމުގެ ހައްގު ދޭގޮތަށް ކަނޑައަޅައިފައެވެ.